އަދާލަތު ޕާޓީ

ޝަކުވާތަކާއެކު އަދާލަތު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް

އަދާލަތު ޕާޓީގެ ދުސްތޫރު (އަސާސީ ގަވާއިދު) އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން އެ ޝަކުވާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅައިފި އެވެ.

މީގެ 15 އަހަރު ކުރިން އުފެދުނު އަދާލަތު ޕާޓީގެ ދުސްތޫރަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެންބަރުން ބުނެއެވެ. އެ ގޮތުން ޕާޓީގެ ރައީސް ކަމާއި ނާއިބް ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާއި ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ އަދާލަތުގެ ދުސްތޫރަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ގިނަ މެންބަރުން އެކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށެވެ. އެ ބަދަލުތައް ގެންނަން މަސައްކަތް ކުރަނީ އަސާސީ ގަވާއިދާ ހިލާފަށް އަދި ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވެސް އެ ޝަކުވާތަކުގައި ބުނެފައިވެއެވެ. ޝަރީފް ވިދާޅުވީ އެފަދަ ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

އަދި ޝަކުވާ ހުށައަޅާފައިވަނީ އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުން ކަމަށެވެ. އެ ޝަކުވާތަކާއި ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ނިންމުމެއް ނިންމާފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ އަދާލަތުގެ ދުސްތޫރަށް ބަދަލެއް ގެނެސްފައިވާކަން ނުވަތަ އެފަދަ މަސައްކަތެއް ހިނގާކަން އެ ޕާޓީން އަންގާފައިނުވުމެވެ.

"ނަމަވެސް އުސޫލުން ބޭރުން ކަމެއް ހިނގައިފިނަމަ ނުވަތަ ކޮށްފިނަމަ އަޅުގަނޑުމެން އެކަމެއް ބަލާނަން،" ޝަރީފް ވިދާޅުވިއެވެ.

ކަންބޮޑުވުން ފާޅުކުރި ބައެއް މެންބަރުން ބުނީ ޕާޓީގެ ރައީސް ކަމާއި ނާއިބް ރައީސް ކަމަށް ކުރިމަތިލެވޭ އުސޫލު ބަދަލުކުރަން މަސައްކަތް ކުރަމުން ދަނީ ވަކި ބަޔަކު އެ މަގާމުގައި ތިބުމަށް ކަމަށެވެ. އަދި ގެންނަން އުޅޭ އިސްލާހަކީ ގާބިލް، އިލްމީ މީހުންނަށް ފުރުސަތު ހަނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ބައެއް މީހުން ވަނީ މިއީ މިދިޔަ 10 އަހަރު އަދާލަތުގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އިތުރަށް މަގާމުގައި ދެމި ހުރުމަށް ގެންނަ އިސްލާހެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އަދި މިއީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށްވެސް އެ މެންބަރުން ބުނެފައިވެއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަން މަސައްކަތް ކުރަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށްވެސް ބައެއް މެންބަރުން ބުނެފައިވެއެވެ. އެކަމާއި ގުޅޭގޮތުން އަދާލަތުން އަަދި ޝިދާތާވެސް ވަކި އެއްޗެއް ނުބުނެއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މި މަހުގެ 23 ގައި ބާއްވަން ވަނީ ނިންމާފައެވެ. އެ އިންތިހާބުގައި އެ ޕާޓީގެ ތިން ވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވާނެ އެވެ.