އިމްރާން އަބްދުﷲ

"އަދާލަތު ނައްތާލަން ކުރީ ސަރުކާރު މަސައްކަތްކުރި"

ރަައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އަދާލަތު ޕާޓީން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ސަރުކާރުގެ އެންމެ މައިގަނޑު ސިޔާސަތަކަށްވީ އަދާލަތު ނިކަމެތިކޮށް ބަލިކަށި ކުރުން ކަމަަށް އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ތިންވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ މައިގަނޑު ސިޔާސަތަކަށްވީ އަދާލަތު ނިކަމެތިކޮށް ބަލިކަށި ކުރުން ކަމަށެވެ. އެ ގޮތުން އަދާލަތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ޕާޓީން ވަކިވާން މަޖުބޫރު ކުރުވި ކަމަށް ވިދާޅުވިއެވެ. އަދި އަދާލަތުގެ ކުރީގެ ނާއިބު ރައީސް ޑރ. މައުރޫފް ވަކިވެވަޑައިގެންނެވީ މަޖުބޫރު ކަމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަދާލަތު ނައްތާލަން އެތައް މަސައްކަތެއް ކޮށް 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާ ނުލިބޭނެ ގޮތަށް ހެދީވެސް އަދާލަތަށް ފައިސާ ލިބޭނެ މަގު ބަންދު ކުރަން ކަމަށެވެ. އަދި އަދާލަތުގެ މެންބާޝިޕާ ކުޅެ ޕާޓީ ހިންގުމަށް ވެސް ކުރީ ސަރުކާރުން އެކި ގޮތްގޮތުން ދަތި ކުރަމުން ގެންދިޔަ ކަމަށެވެ.

އިންތިހާބެއް ނުބާއްވާ ހަތަރު އަހަރަށްވުރެ ގިނަ ދުވަހު އަދާލަތުގެ ރައީސް ކަމުގައި ހުންނެވުމަށް ފަހު އާ ދައުރަކަށް ޕާޓީގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި އިމްރާން ވަނީ މި ސަރުކާރުގައި އަދާލަތުގެ މުހިންމު ދައުރެއް އޮތްކަން ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރުންގެ ނާއިބުންގެ އިތުރުން ކުންފުނިތަކުގައި ވެސް އަދާލަތަށް ނިސްބަތްވާ މީހުން އެބަތިބި ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ އެކި މަގާމުތަކުގައި އަދާލަތަށް ނިސްބަތްވާ 25 ބޭފުޅަކު އެބަތިއްބެވި ކަމަށް އިމްރާން ވިދާޅުވި އެވެ.