ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތުގެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ ކުރިމަތި ލައްވައިފި އެވެ.
ކުރިއަށް އޮތް ފަސް އަހަރު އަދާލަތުގެ ރައީސް ކަމަށް ވާދަ ކުރެއްވުމަށް ނިންމަވައި، ކުރިމަތިލެއްވިކަން އިމްރާން އިއުލާނު ކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
"މި ގޮތަށް ނިންމީ، ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމުގައި އަޅުގަނޑުގެ ދައުރު މުހިއްމު ކަމަށް ޕާޓީގެ ގިނަ މެންބަރުން ފާހަގަ ކުރައްވާތީ،" ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން ވިދާޅުވި އެވެ.
އަދާލަތުގެ ރައީސާއި ނާއިބު ރައީސަކު ހޮވަން ބާއްވަނީ "ރިޔާސީ އިންތިހާބެ"ކެވެ. އެ އިންތިހާބު ބާއްވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
ނަމަވެސް، ޕާޓީގެ ރައީސާއި ނާއިބު ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.
އަދާލަތު ޕާޓީގެ އެންމެ އިސް މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު / އަސާސީ ގަވައިދު ބަދަލުކޮށް، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ
އަދާލަތުގެ އިންތިހާބު ބާއްވަން ތައްޔާރުވެފައިވާއިރު، ޕާޓީގެ ރަައީސްގެ މަގާމުގައި ހުންނެވި އިމްރާން އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރު ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޕާޓީގެ މަގާމުގައި ދެމި ތިއްބެވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އަދި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.