އަދާލަތު ޕާޓީ

އަދާލަތުގެ އިންތިހާބު ބާތިލުކުރަން ކޯޓަށް

އަދާލަތު ޕާޓީގެ ތިން ވަނަ ދައުރަށް އެޕާޓީގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ކުރިއަށް ގެންދިޔަ އެތެރޭގެ އިންތިހާބު ބާތިލުކޮށް ދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަަށް އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އިންތިހާބު އިންތިހާބު ކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އީ-ވޯޓިން އިންތިހާބެއްގައެވެ. ހާހެއްހާ މީހުން ވޯޓްލީ އިންތިހާބުގައި އިމްރާން ކުރި ހޯއްދެވީ 900 ވުރެ ގިނަ ވޯޓުންނެވެ. އަދާލަތުގެ އިންތިހާބު އިއުލާނު ކުރުމާއެކު އެ ޕާޓީއާ ގުޅޭ ގިނަ މައްސަލަތަކެއް އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައެޅިއެވެ. ނަމަވެސް މެންބަރުންގެ ޝަކުވާތަކާއި މައްސަލަތައް ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ އަދާލަތުގެ މިހާރުގެ ލީޑާޝިޕާ އެއްކޮޅަށެވެ.

އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވަނީ މިދިޔަ މަހު ބޭއްވި އިންތިހާބު ބާތިލްކޮށް އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވައި ދިނުމަށެވެ. އަދި އެ ޕާޓީގެ ކޮންގްރެސްއެއް ވަކި މުއްދަތެއްގައި ބާއްވައި ދިނުމަށް އަމުރު ކޮށް ދިނުމަށެވެ.

މި މައްސަލާގައި ޑިސްޕިއުޓް މަރުހަލާ އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. ޑިސްޕިއުޓްއިން ނިމުނީ މައްސަލަ ޝަރީއަތަށް ގެންދާށެވެ.

އަދާލަތުގެ ލީޑާޝިޕާމެދު ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްއިރު މިއީ މި ފަހުން ޕާޓީއަކުން ބޭއްވި އެތެރޭގެ އިންތިހާބެއްގައި މިހާ މަދުން މެންބަރުން ވޯޓްލީ ފަހަރެވެ.