އަދާލަތު ޕާޓީ

އިންތިހާބަކާއި ނުލައި އިމްރާނާ އަލީ ޒާހިރު މަގާމުގައި ތިބުން ރަނގަޅު

އަދާލަތު ޕާޓީގެ ރަައީސްގެ މަގާމުގައި ހުންނެވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި މިހާރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޕާޓީގެ މަގާމުގައި ދެމި ތިބުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމާއި ނާއިބު ރައީސް ކަމުގެ މަގާމުގެ މުއްދަތުގެ ޖުލައި 16، 2016 އަށް ވަނީ ހަމަވެފައެވެ. އެއީ ޖުލައި 17، 2011 ގައި ފެށުނު އެޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. މިދިޔަ ހަތަރު އަހަރާއި ފަސް މަސް ދުވަހު ޕާޓީގެ ރައީސް ކަމުގައި އިމްރާން އަބްދުﷲ އަދި ނައިބު ރައީސް ކަމުގައި އަލީ ޒާހިރު ހުންނެވީ އިންތިހާބެއް ނެތި، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހުތަކަކާއެކުގަ އެވެ. އެ އިސްލާހުތައް ވެސް ގެނެސްފައި ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ދައުރު ހަމަވި ފަހުން އޮގަސްޓް 16، 2016 ގައި ކަމަށް ބުނެ އެ ޕާޓީގެ އާންމު މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށައަޅާފައެވެ.

އަދާލަތުގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާގައި ބުނެފައި ވަނީ ޖުލައި 17، 2011 ގައި ފެށުނު އަދާލަތު ޕާޓީގެ ދެވަނަ ދައުރުގެ ގާނޫނީ މުއްދަތު -- އިންތިހާބީ ފަސް އަހަރުގެ މުއްދަތު -- ޖުލައި 16، 2016 އަށް ހަމަވެފައިވާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީސް ފިޔަވައި އެހެން ހުރިހާ މަޖިލިސްތަކާއި ކޮމެޓީތަކާއި މަގާމުތަކުގެ ގާނޫނީ ހައިސިއްޔަތު ދައުރު ނިމުނު ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އަދާލަތު ޕާޓީގެ ތިންވަނަ ދައުރެއް ގާނޫނީ ގޮތުން ނުފެށިވާ ކަމަށާ އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ވެސް ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.

އަދާލަތު ދުސްތޫރުގެ 44.1 ވަނަ މާއްދާގައިވާ ގޮތުން ޕާޓީގެ އެކިއެކި މަޖިލިސްތަކަށާއި މަގާމުތަކަށް މީހުން އައްޔަން ކުރަނީ ނުވަތަ ހޮވާނީ ޕާޓީގެ އިންތިހާބީ އެއް ދައުރަށެވެ. ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ. ދައުރުގެ މެދުތެރެއިން ޕާޓީގެ މަގާމަކަށް މީހަކު ހޮވުނަސް ނުވަތަ އައްޔަން ކުރި ނަމަވެސް އެމީހެއްގެ މަގާމު ދެމި އޮންނާނީ އޭރު ހިނގަމުންދާ ދައުރު ނިމެންދެނެވެ.

އެހެން ކަމުން މިދިޔަ ހަތަރު އަހަރާއި ފަސް މަސް ދުވަހު އަދާލަތު ޕާޓީ ހިންގާފައި ވަނީ ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަކާއި ނުލައި، އެ މަގާމުތަކުގައި ކުރީން ތިއްބެވި ބޭފުޅުންގެ ހުދުމުހުތާރު ގޮތެއްގައި ގާނޫނާއި އަދި އަދާލަތު ޕާޓީގެ ދުސްތޫރާއި ހިލާފަށް ކަމަށް އީސީއަށް ހުށައެޅި ޝަކުވާގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ އަދާލަތު ޕާޓީގެ އިސްލާހު ގެނެވުނު ދުސްތޫރު އެ ކޮމިޝަންގެ 33 ވަނަ ކުއްލި ބައްދަލްވުމުގައި މިއަދު ބަލައިގެންފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ އިމްރާނާއި އަލީ ޒާހިރު މަގާމުގައި ތިބެގެން ދުސްތޫރަށް އިސްލާހު ގެނައީ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިންކަން ލިޔެކިޔުންތަކުން ފެންނަ އެބަހުރި ކަމަށެވެ. ނަމަވެސް އެ ނިންމުން ކަނޑައެޅިފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިނުވާ ކަމަށެވެ. އެހެން ކަމުން އެކަން ބަލާ ފިޔަވަޅު އަޅާނެ އެވެ.