ހަބަރު

އަންހެނުންނަށް ފުރުސަތުދީ، އަދާލަތުގެ އިންތިހާބަށް އަލުން ހުޅުވާލައިފި

Jan 10, 2021

އަދާލަތު ޕާޓީގެ އެންމެ އިސް މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭގޮތަށް އެ ޕާޓީގެ ދުސްތޫރު ބަދަލުކޮށް، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި އެވެ.

މީގެ 15 އަހަރު ކުރިން އުފެދުނު އަދާލަތު ޕާޓީގެ ދުސްތޫރުގައި ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭނީ، ކުރިމަތިލުމާއި ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް މަސައްކަތް ކުރާކަމަށް ބުނެ، އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައި އެވެ.

ބައެއް މީހުން ވަނީ މިއީ މިދިޔަ 10 އަހަރު އަދާލަތުގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އިތުރަށް މަގާމުގައި ދެމި ހުރުމަށް ގެންނަ އިސްލާހެއް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިއީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށްވެސް އެ މެންބަރުން ބުނެފައިވެ އެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަން މަސައްކަތް ކުރަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށްވެސް ބައެއް މެންބަރުން ބުނެފައިވެ އެވެ.

އެ ފާޑުކިއުންތަކާއެކު އިމްރާން ވަނީ ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް އާދެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.

"މި ގޮތަށް އަޅުގަނޑު އިސްވެ އިސްލާހު ހުށައެޅީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައ ހިމެނޭ ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރުމަށްފަހު މަޝްވަރާ މަޖިލީހުގެ ހަތް މެންބަރުންގެ ސޮޔާއެކު،" އިމްރާން ވިދާޅުވެފައިވެ އެވެ.

އަދާލަތުން ރޭ ކުރި އިއުލާނެއްގައި ބުނީ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު މިހާރު މި މަހުގެ 30 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހަށް ފުރަތަމަ ތާވަލުކުރި އިންތިހާބު ފަސްކޮށްފައިވަނީ، ޕާޓީގެ ދުސްތޫރުގެ 42.1 ވަނަ މާއްދާގެ ދަށުން ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް، މިދިއަ ހުކުރު ދުވަހު ބޭއްވުނު މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ އެއް ވަނަ ދުވަހު ކުރި އިއުލާނު ބާތިލުކޮށް އެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާކަމަށް އެ ޕާޓީން ބުންޏެވެ.

އަދި އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން 17 ޖެނުއަރީ ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕާޓީގެ މައި އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އިތުރަށް ބުނީ، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ މެންބަރުންނަށް ކަމަށެވެ.

އަދާލަތުގެ އިންތިހާބު ބޭއްވުމަށް ތައްޔާރުވެފައިވާއިރު، ޕާޓީގެ ރަައީސްގެ މަގާމުގައި ހުންނެވި އިމްރާން އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރު ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޕާޓީގެ މަގާމުގައި ދެމި ތިއްބެވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އަދި އެ މައްސަލަ މިހާރު ބަލަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.