ހަބަރު

އަދާލަތަށް ދައުލަތުން ފައިސާ ނުލިބޭ ގޮތް ހަދަން ގޮވާލައިފި

Dec 22, 2020

އަދާލަތު ޕާޓީގެ ލީޑަޝިޕަށް އަންހެންނުންނަށް ކުރިމަތިނުލެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އެ ފަދަ ބަދަލެއް ގެނެސްފިނަމަ، އެ ޕާޓީއަށް ދައުލަތުން ފައިސާ ނުލިބޭ ގޮތް ހަދަން ގޮވާލައިފި އެވެ.

މީގެ 15 އަހަރު ކުރިން އުފެދުނު އަދާލަތު ޕާޓީގެ ދުސްތޫރަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭނީ، ކުރިމަތިލުމާއި ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން ހިމެނެ އެވެ.

އެކަމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ސެޕްޝަލް ރެޕެޓުއާ އަހުމަދު ޝަހީދު ވިދާޅުވީ، އަދާލަތު ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތިލުމަށް ޕާޓީގެ އަސާސީ ގަވައިދު ހުރަސް އަޅާނަމަ، އެ ޕާޓީއަށް ދައުލަތުން ފައިސާ ލިބިގެން ނުވާނެ ކަމަށެވެ.

"ޖިންސީ ހަމަހަމަކަމަށް ހުރަސް އަޅައި، އަންހެނުންގެ ހައްގުތަކަށް ފާޅުގައި ހުރަސް އެޅޭ ކަމަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކުރެވިގެން ނުވާނެ،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދުގެ އިތުރުން އެކަމާ ކަންބޮޑުވުން ފާޅުކުރި އަދާލަތު ޕާޓީގެ ބައެއް މެންބަރުން ބުނީ ޕާޓީގެ ރައީސް ކަމާއި ނާއިބު ރައީސް ކަމަށް ކުރިމަތިލެވޭ އުސޫލު ބަދަލު ކުރަން މަސައްކަތް ކުރަމުން ދަނީ ވަކި ބަޔަކު އެ މަގާމުގައި ތިބުމަށް ކަމަށެވެ. ގެންނަން އުޅޭ އިސްލާހަކީ ގާބިލް، އިލްމީ މީހުންނަށް ފުރުސަތު ހަނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ބައެއް މީހުން ވަނީ މިއީ މިދިޔަ 10 އަހަރު އަދާލަތުގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އިތުރަށް މަގާމުގައި ދެމި ހުރުމަށް ގެންނަ އިސްލާހެއް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިއީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށްވެސް އެ މެންބަރުން ބުނެފައިވެ އެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަން މަސައްކަތް ކުރަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށްވެސް ބައެއް މެންބަރުން ބުނެފައިވެ އެވެ.

މި އަހަރު ރާއްޖޭގެ ބަޖެޓަށް ކަނޑައަޅާފައިވާ 37 ބިލިއަން ރުފިޔާގެ ތެރެއިން 33.4 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ވަނީ ކަނޑައަޅާފަ އެވެ. ޕާޓީތަކާ ބެހޭ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ތާރީހާ ހަމައަށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އަދާލަތު ޕާޓީގައި މިވަގުތު ތިބީ 6،600 އެއްހާ މެންބަރުންނެވެ. އެގޮތުން މި އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ އެމްޑީޕީއާއި ޕީޕީއެމް އަދި ޖޭޕީ އަށެވެ.