އަދާލަތު ޕާޓީ

އަދާލަތުގެ މައްސަލައެއް ކޯޓަކު ނެތް ކަމަށް ބުނެފި

އަދާލަތު ޕާޓީގެ ތިން ވަނަ ދައުރަށް އެޕާޓީގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ކުރިއަށް ގެންދިޔަ އެތެރޭގެ އިންތިހާބު ބާތިލުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް ހުށައަޅާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތުން މިހެން ބުނެފައިވަނީ އަދާލަތުގެ އެތެރޭގެ އިންތިހާބު ބާތިލުކޮށް ދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފި ކަމަަށް ބުނެ އަވަސްގައި ލިޔެފައިވާ ހަބަރާއެކު ކުރި ޓްވީޓެއްގައެވެ. އަދާލަތުން ބުނީ އެފަދަ މައްސަލައެއް ކޯޓަށް ހުށައަޅާފައި ނުވާ ކަމަށެވެ. އަދި އެ ހަބަރު ގެނެސްދީފައިވަނީ އެ ޕާޓީގެ ބަހެއްވެސް ނުހޯދާ ކަމަށެވެ.

އަދާލަތުން މިހެން ބުނި ނަމަވެސް އެ ޕާޓީގެ އާންމު މެންބަރަކު ވަނީ މައްސަލަ ކޯޓަށް ހުށައަޅާފައެވެ. އެ މައްސަލަ ހުށައެޅި ފަރާތުން އެދިފައިވަނީ މިދިޔަ މަހު ބޭއްވި އިންތިހާބު ބާތިލްކޮށް އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވައި ދިނުމަށް އަދާލަތުގެ މައްޗަށް އަމުރު ކޮށް ދިނުމަށެވެ. އަދި އެ ޕާޓީގެ ކޮންގްރެސްއެއް ވަކި މުއްދަތެއްގައި ބާއްވައި ދިނުމަށް އަމުރު ކޮށް ދިނުމަށެވެ. މި މައްސަލާގައި ޑިސްޕިއުޓް މަރުހަލާ އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. ޑިސްޕިއުޓްއިން ނިމުނީ މައްސަލަ ޝަރީއަތަށް ގެންދާށެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަަށް އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އިންތިހާބު އިންތިހާބު ކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އީ-ވޯޓިން އިންތިހާބެއްގައެވެ. ހާހެއްހާ މީހުން ވޯޓްލީ އިންތިހާބުގައި އިމްރާން ކުރި ހޯއްދެވީ 900 ވުރެ ގިނަ ވޯޓުންނެވެ. އަދާލަތުގެ އިންތިހާބު އިއުލާނު ކުރުމާއެކު އެ ޕާޓީއާ ގުޅޭ ގިނަ މައްސަލަތަކެއް އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައެޅިއެވެ. ނަމަވެސް މެންބަރުންގެ ޝަކުވާތަކާއި މައްސަލަތައް ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ އަދާލަތުގެ މިހާރުގެ ލީޑާޝިޕާ އެއްކޮޅަށެވެ.