ޝިދާތާ ޝަރީފު

ޝިދާތާ ޝަރީފް، އަދާލަތުން ވަކިވެއްޖެ

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ރައީސް އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވާ ޝިދާތާ މިއަދު ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖްގައި ވިދާޅުވީ އަދާލަތު ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުންނާއި މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް ނިންމަވާ އިސްތިއުފާގެ ސިޓީ ހުށައަޅުއްވާފައިވާ ކަމަށެވެ.

އަދި ފާއިތުވެދިޔަ ދިގު މުއްދަތުގައި އަދާލަތުން ފަހިކޮށް ދެއްވި ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

"އަދި ތި ހުރިހާ ބޭފުޅުން ބެހެެއްޓެވި ގާތްކަމަށާއި އެކުވެރި ކަމަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން. އެއްވެސް ބޭފުޅަކަށް އަޅުގަނޑުގެ ފުށުން ހިތް ނުތަވަސްވާ ކަމެއް ހިނގާފައިވާނަމަ މާފަށް އެދެން،" މަޝްވަރާ މަޖިލީހަށް ފޮނުއްވެވި މެސެޖްގައި ޝިދާތާ ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީން ޝިދާތާ ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީން އައު އެކްޝަން ޕްލޭނެއް އެކުލަވާލަން ނިންމާ އެކަމަށް ނެގި ހާއްސަ ކޮމެޓީގައިވެސް އެކަމަނާ ހިމަަނުއްވާފައިވަނިކޮށެވެ.

މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކީ ޝިދާތާ އެވެ. އެކަމަނާ އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ރައީސް ސޯލިހް ވެރިކަަމަށް ވަޑައިގަތުމަށް ކުރެއްވެވި ކެންޕެއިންގައި އަދާލަތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ޝިދާތާ އެވެ. ނަމަވެސް އެކި ތުހުމަތުތައް ކުރައްވާ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގުރޫޕުން ދެއްވުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ސަރުކާރުންވެސް އަދި އަދާލަތު ޕާޓީންވެސް ޝިދާތާގެ ދިފާއުގައި ވާހަކަ ނުދެއްކުމުން މަޖުބޫރުވެވަޑައިގެންނެވެ.

މަގާމުން އިސްތިއުފާ ދެއްވި ފަހުން "ޝިދާތާގެ ތަރި އޮއްސެން ކައިރިވެސް ނުވާ" ކަމަށް ވިދާޅުވެ އިމްރާން ޓްވީޓެއް ކުރެއްވެވިއެވެ.