އަދާލަތު ޕާޓީ

އިމްރާންގެ އިސްލާހު: އަންހެނުންނަށް އަދާލަތުގެ ރައީސަކަށް ވެވޭނެ

އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް އާދެވޭ ގޮތަށް އެޕާޓީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިމްރާން އަބްދުﷲ، އިސްލާހު ހުށައަޅައިފި އެވެ.

އިމްރާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ ކިބާގައި ހުރުން ލާޒިމު ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ ދީނުގައި ލާޒިމު ކަމަކަށް ނުވިޔަސް، ޕާޓީ އުފެދުނުއިރު ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީޙުން ބޭނުންވީ އެގޮތަށް ކަމަށް ޕާޓީގެ ލީޑާޝިޕްގައި އޭރު ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު އަދާލަތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާ ޕާޓީ އިތުރަށް ހުޅުވާލާ އެޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް އަދާލަތު ޕާޓީގެ ރައީސްގެ ކިބާގައި ހުރުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހު ހުށައަޅާފައިވާ ކަމަށެވެ.

"މި ގޮތަށް އަޅުގަނޑު އިސްވެ އިސްލާހު ހުށައެޅީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައ ހިމެނޭ ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރުމަށްފަހު މަޝްވަރާ މަޖިލީހުގެ ހަތް މެންބަރުންގެ ސޮޔާއެކު،" އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މި މަހުގެ 23 ގައި ބާއްވަން ވަނީ ނިންމާފައެވެ. އަދާލަތު ޕާޓީން ނެރުނު އިއުލާނެއް މެދުވެރިކޮށް ބުނީ ޖަނަވަރީ 23 ގައި ބާއްވާ އެ ޕާޓީގެ "ރިޔާސީ އިންތިހާބަ" ކީ އަދާލަތުގެ ދުސްތޫރު / އަސާސީ ގަވައިދާ އެއް ގޮތަށް އެ ޕާޓީގެ ތިން ވަނަ ދައުރެއްގެ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބު ކަމަށެވެ.

އަދާލަތު ޕާޓީގެ އެ އިންތިހާބުގައި މަގާމަށް ވާދަ ކުރާ ފަރާތްތައް ފޯމާއެކު ހިމަނަން ޖެހޭ ލިޔެކިޔުން މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

އޭޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާއިރު ޕާޓީގެ އާންމު މެންބަރުން ވަނީ މިހާރުގެ ލީޑާޝިޕާ ދެކޮޅަށް އީސީއަށް މައްސަލަވެސް ހުށައަޅާފައެވެ.