އަދާލަތު ޕާޓީ

އަދާލަތުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނާތީ ކަންބޮޑުވެއްޖެ

އަދާލަތު ޕާޓީގެ ދުސްތޫރު (އަސާސީ ގަވާއިދު) އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މީގެ 15 އަހަރު ކުރިން އުފެދުނު އަދާލަތު ޕާޓީގެ ދުސްތޫރަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޕާޓީގެ ރައީސް ކަމާއި ނާއިބް ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާއި ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން ހިމެނެއެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކުރި ބައެއް މެންބަރުން ބުނީ ޕާޓީގެ ރައީސް ކަމާއި ނާއިބް ރައީސް ކަމަށް ކުރިމަތިލެވޭ އުސޫލު ބަދަލުކުރަން މަސައްކަތް ކުރަމުން ދަނީ ވަކި ބަޔަކު އެ މަގާމުގައި ތިބުމަށް ކަމަށެވެ. އަދި ގެންނަން އުޅޭ އިސްލާހަކީ ގާބިލް، އިލްމީ މީހުންނަށް ފުރުސަތު ހަނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ބައެއް މީހުން ވަނީ މިއީ މިދިޔަ 10 އަހަރު އަދާލަތުގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އިތުރަށް މަގާމުގައި ދެމި ހުރުމަށް ގެންނަ އިސްލާހެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އަދި މިއީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށްވެސް އެ މެންބަރުން ބުނެފައިވެއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަން މަސައްކަތް ކުރަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށްވެސް ބައެއް މެންބަރުން ބުނެފައިވެއެވެ. އެކަމާއި ގުޅޭގޮތުން އަދާލަތުން އަަދި ޝިދާތާވެސް ވަކި އެއްޗެއް ނުބުނެއެވެ.