ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިސްވެރިޔާ ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓަކާއެކު އަދާލަތު ޕާޓީއަށް އެމަނިކުފާނު ފުރައިދިން ފޯމް މަދު ނުވާނެ ކަމަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.
މަޖިލީހުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވުމުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އިމްރާނަށް ރައްދެއް ދެއްވާފަ އެވެ.
އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށާ އެހެން ކަމުން މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.
ހަސަންގެ ވާހަކަތަކަށް ޝިދާތާ ވެސް ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ މިއަދު މާ ބޮޑު، ބިޔަ ޕާޓީތަކުން ހަނދާން ނެތަސް، ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަން ބޭނުންވާ ވޯޓްކޮޅު ހަމަކޮށް ދެނީ އަދާލަތުން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައި ހިނގައި ދިޔަ ކަންކަމުގެ ތެރެއަށް އިމްރާން ވެންނެވީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާ އެކަން ކުރައްވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. މަޖިލީހުގެ މެންބަރުކަން ކަމާއި ބޮޑު ބިޔަ ޕާޓީގެ ޗެއާޕާސަން ކުރައްވާނީ މިވަރު ދަންނަ މީހުން ކަމަށް ވެސް ޝިދާތާ ވިދާޅުވެފައި ވެއެވެ.
ޝިދާތާގެ އެ ހަބަރާއެކު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއާޕަސަން ކަން ކަމާ އެއްޗެހި ވިދާޅުވުމުން އެ ދެއްކެވި ވާހަކައެއް އަޑު އެއްސެވުން ބުއްދިވެރި ކަމަށް ވިދާޅުވެފައި ވެއެވެ.
"އަދާލަތު ޕާޓީއަށް އަޅުގަނޑު ފުރައިދިން ފޯމް މަދެއް ނުވާނެ، އަދި އޭޕީގެ މުޝްތަޝާރަށް މިކަން އެނގިވަޑައިގަންނަވާނެ." ޝިދާތާއަށް ޓެގް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް އަދާލަތު ޕާޓީގެ މުޝްތަޝާރަކު ނުހުންނަވަ އެވެ. އަދި ދުވަހަކު ވެސް އެ މަގާމު އުފައްދާ އެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައެއް ވެސް ނުވެ އެވެ.
އަދާލަތު ޕާޓީ އުފެއްދުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން މިހާރު ވަނީ ޕާޓީއާއި ފެއަށް ވެސް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޝައިހް މުހައްމަދު ދީދީ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އަސަދުﷲ ޝާފިއީ ހިމެނިވަޑައިގަންނަވަ އެވެ.
އަދާލާތުގެ ފުރަތަމަ ރައީސް ހުސައިން ރަޝީދު އަހުމަދު ހުންނަވަނީ ރައީސް ނަޝީދާއެކުގަ އެވެ. އޭނާ އަކީ ރައީސް ނަޝީދުގެ ސަރުކާރާއި މި ސަރުކާރުގައި ވަޒީފާ އޮންނަ އަދި ހައްޖަށާއި އުމްރާއަށް މީހުން ފޮނުވާ ކުންފުންޏެއް ހިންގަވާ ބޭފުޅެކެވެ. ދީނީ ގޮތުން ފުށު އަރާ ގޮތަށް ރައީސް ނަޝީދު ވިދާޅުވާ ވަރަށް ގިނަ އެއްޗެހި ސޯޝަލް މީޑިއާގައި ތަރުޖަމާ ކޮށްދެއް ވަނީ ހުސައިން ރަޝީދެވެ. ސިލްސިލާއެއްގެ ގޮތުގައި އޭނާ ތަރުޖަމާ ކުރައްވަމުން ގެންދަވާ ފޮތް "ޝަހީހުލް މުސްލިމް" ގެ ފޮތުގެ ވޮލިއުމްތައް ނެރެ ދެއްވަނީ ވެސް ރައީސް ނަޝީދެވެ.