އިމްރާން އަބްދުﷲ

ބަރުލަމާނީ ގެނެސްފިނަމަ ހަމަޖެހުން ގެއްލޭނެ: އިމްރާން

ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް މި ސަރުކާރުގެ ކޯލިޝަން ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ ރަައީސްގެ މަގާމުގައިވެސް ހުންނެވި އިމްރާން ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށެވެ. އަދި ރައްޔިތުން ބައިބައިވެ ރައްޔިތުން ހާލުގައި ޖެހުން ނޫން އިތުރު ކަމެއް ނުވާނެ ކަމަށެވެ. ބަރުލަމާނީ ނިޒާމަކުން އޮތް މޮޅެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަކީ މި ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން،"

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެވޭނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ. އެ އުންމީދުތަކުގެ ތަފްސީލު ދެއްވުމަށް މިއަދު ވަނީ ހާއްސަ ނިއުސްކޮންފަރެންސްއެއްވެސް ބާއްވަވާފައެވެ.

ކޮންގްރެސްއަށް ނަޝީދު ހުށައަޅުއްވާ ގަރާރުގައި ވަނީ ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުގައި އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑަ އަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓްގައި އެންމެ ގިނަ ވޯޓް ލިބޭ މީހާ ކަމަށް ކަނޑައެޅުމަށް ހުށައަޅުއްވާފައެވެ.

އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރަން ޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމާއި އަދި ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނޭ ގޮތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓްގެ ނިސްބަތަށް ބަލާ ޕާޓީތަކަށް ހާއްސަ ކުރެވޭ "ނެޝަނަލް ލިސްޓް" ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ވަނީ ހުށައަޅުއްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ހަމައަކުން ރައްޔިތުންްގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހިފެެހެއްޓިފައި އޮތުމަށާއި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.

ނަޝީދުގެ ގަރާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ގެންނަ ބަަދަލުތައް ކަނޑައެޅުމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަސާސީ ސިފަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި ފެންނަން އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް ވަނީ އެދިވަޑައިގެންފައެވެ.