ޕޮލިޓިކްސް

އިމްރާން ދިފާއުކޮށް ހަސަނަށް ހަމަލާ ދިނީ ޝިދާތާ!

ރައްޔިތުންގެ މަޖިލީހުގެ އިންތިޒާމްތަކާއި އެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެންގުޅުއްވައިގެން ނުވާނެ ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ދެއްކެވި ވާހަކަތަކަށް ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިސްވެރިޔާ ޝިދާތާ ޝަރީފް ރައްދު ދެއްވައިފި އެވެ.

އިމްރާން ރޭ ވިދާޅުވީ މަޖިލީހުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ. އަދި އިންސާފުވެރި ކަމާއެކު މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްރާނާއި އޭނާ ނިސްބަތްވާ އަދާލަތަށް ފާޑުކިޔައި ހަސަން ލަތީފު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށެވެ. އެހެންވިޔަސް މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށެވެ.

"މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން [އަދާލަތު ޕާޓީގެ ރައީސް] އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތް ނަމަވެސް އަދި އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަށްވީ ނަމަވެސް ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަން ބޭނުންވާ ވޯޓްކޮޅު ހަމަކޮށް ދެނީ އެ ޕާޓީން ކަމަށެވެ.

"މިއަދު މާ ބޮޑު، ބިޔަ ޕާޓީތަކުން އެކަން ހަނދާން ނެތިގެން އުޅުނަސް." އެމްޑީޕީއަށް އިޝާރާތް ކުރައްވާ ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ މަޖިލީހުގައި ހިނގައި ދިޔަ ކަންކަމުގެ ތެރެއަށް އިމްރާން ވެންނެވީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާ އެކަން ކުރައް ވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެއީ އިމްރާނާ ހަވާލުވެފައިވާ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށެވެ.

"މަޖިލީހުގެ މެންބަރުކަން ކުރައްވާއިރު އަދި ބޮޑު ބިޔަ ޕާޓީގެ ޗެއާޕާސަން ކުރައްވާނީ މިވަރު ދަންނަ މީހުން،" ހަސަން ލަތީފަށް އިޝާރާތް ކުރައްވާ ޝިދާތާ ވިދާޅުވި އެވެ.

ހަސަން ލަތީފުގެ ޓްވީޓް ރައީސް ނަޝީދު ވެސް ވަނީ ރިޓްވީޓް ކުރައްވާފަ އެވެ.

އެ ޓްވީޓް ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައިވާއިރު މެންބަރު ޝިޔާމަށް އެމްޑީޕީގެ މެންބަރުން ހަމަލާދިނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އަދި އެކަމަށް ބާރު ލިބޭ ވީޑިއޯތައް އިދިކޮޅު މެންބަރުން ވަނީ އާންމު ކޮށްފަ އެވެ.

ރައީސް ނަޝީދާ އިމްރާނަކީ މީގެ ކުރިން ވަރަށް ބޮޑަށް ވިސްނުން ތަފާތު ދެ ބޭފުޅުންނެވެ. ސިޔާސީ ގޮތުން ދެ ބޭފުޅުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި އިމްރާން ވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ވެސް އޭނާއަށް އަމާޒުކޮށް ރައީސް ނަޝީދާއި އެމްޑީޕީން ފާޑު ކިޔަ އެވެ.

ގިނަ ތުހުމަތުތަކެއްކޮށް އެކަމަށް ޖަވާބުދިނުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ "ހަޑި" ގޮތަކަށް ޝިދާތާ ވަޒީރުކަމުން އިސްތިއުފާދޭން މަޖުބޫރުކުރުމުން ޝިދާތާގެ ދިފާއުގައިވެސް އިމްރާން ވަނީ ވާހަކަ ދައްކަވާފައެވެ.

ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ސަރުކާރު ކޯލިޝަންގެ މައި ޕާޓީން ދިނުމާއި ގުޅިގެން ޝިދާތާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ފެބްރުއަރީ 6، 2020 ގައެވެ.

ޝިދާތާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ މިނިސްޓަރު އިމްރާން އެދުވަހު ވިދާޅުވީ ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވާ ކަމަށެވެ. އަދި ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށް ވިދާޅުވި އެވެ.

"ޝިދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް. އޭޕީ އާއި ހުދު އަޅުގަނޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީ މިންކުރެވޭ ވަރަށްވުރެ ބޮޑު. އެއީ ގެއްލިގެންދާނެ ކަމެއް ނޫން." އިމްރާންގެ ޓްވީޓްގައި ވިދާޅުވި އެވެ.