މިއަދު ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޝިދާތާ ޝަރީފް އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކަމަނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ސަރުކާރު ކޯލިޝަންގެ މައި ޕާޓީން ދިނުމާއި ގުޅިގެން ޝިދާތާ މިއަދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމުގައި ޝިދާތާ ހުންނެވިއިރު އެކަމަނާއަކީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރެވެ.
ޝިދާތާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވާ ކަމަށެވެ. އަދި ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށް ވިދާޅުވި އެވެ.
"ޝިދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް. އޭޕީ އާއި ހުދު އަޅުގަނޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީ މިންކުރެވޭ ވަރަށްވުރެ ބޮޑު. އެއީ ގެއްލިގެންދާނެ ކަމެއް ނޫން." އިމްރާންގެ ޓްވީޓްގައި ވިދާޅުވި އެވެ.
ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިދާތާގެ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާކަމަށެވެ.
އަދި ޝިދާތާގެ އިސްތިއުފާ ގަބޫލުކުރައްވާފައި ކަމަށާއި، މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްތަކުގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ޝިދާތާގެ އިސްތިއުފާއާ ގުޅިގެން، ޖެންޑާ މިނިސްޓަރުގެ މަގާމަށް މިވަގުތު އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަނުކުރަން ނިންމަވާފައިވާ ކަމަށެވެ.