ބޮލީވުޑް

ރަޖީވް ކަންޑެލްވާލް - ބޮލީވުޑުން ލިބުނީ ހުސް ލަނޑު

އިންޑިޔާގެ އެކި ޓީވީ ޗެނަލްތަކުން އެކްތާ ކަޕޫރުގެ "ކޭ" އަކުރުން ފެށޭ ސީރީޒްތައް އެންމެ ގިނައިން ދެއްކި ޒަމާނުގައި ރަޖީވް ކަންޑެލްވާލް ވެސް ވަރަށް މަޝްހޫރުވި އެވެ. "ކަހީނ ތޯ ހޯގާ"ގައި އާމްނާ ޝަރީފު އާއެކު އޭނާ ކުޅުނު ސޫޖަލްގެ ރޯލުންނެވެ. އެ ޒަމާނުގައި ސިލްސިލާ ބަލާ އެންމެންނަށް ވެސް ސޫޖަލް އޭ ބުނީމަ އެއީ ކާކުކަން އެނގޭނެ އެވެ. އެހާވެސް އޭނާގެ މަގްބޫލުކަން އިތުރުވި އެވެ.

އެ ޝޯ ނިމުނުފަހުން ވެސް ބައެއް ޓީވީ ޝޯ ތަކުން ރަޖީވް ފެނުނެވެ. އަދި 2008 ގައި އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު "އާމިރު" ރިލީޒްވި އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބުނު ނަމަވެސް އެކަމުގެ ސަބަބުން ރަޖީވްގެ ކެރިއަރަށް މާ ބޮޑު ކުރިއެރުންތަކެއް ނުލިބުނެވެ. ސަބަބަކީ އޭނާއަށް ހުށަހެޅުނު ބައެއް ފިލްމުތައް އޭނާ ހިތްހަމަނުޖެހިގެން ގަބޫލު ނުކުރީމަ އެވެ. އަދި ކުދި ބަޖެޓުން ފިލްމު އުފައްދާ ޕްރޮޑިއުސަރުންގެ ތެރެއިން ގިނަ ބަޔަކު އޭނާއަށް ލަނޑު ދިނުމެވެ.

ލިބުނު ބައެއް ފުރުސަތުތަކަށް ރަޖީވް ނޫނެކޭ ބުނުމުން އޭނާގެ ނަން ޚަރާބުވެ ގިނަ ބަޔަކު އޭނާއާ އެކު މަސައްކަތް ކުރުމަށް ފަސް ޖެހުނެވެ. ނަމަވެސް ރަޖީވް ބުނީ ކިތަންމެ ބޮޑު ޕްރޮޑިއުސަރެއްގެ ފިލްމަކަށް ވިޔަސް އޭނާ ހިތްހަމަނުޖެހޭ ކަހަލަ ރޯލުތައް ކުޅެން ބޭނުން ނުވީ ކަމަށެވެ.

ޕްރޮޑިއުސަރުން ދިން ލަނޑުތައް ކިޔައިދެމުން ރަޖީވް ބުނީ 2014 ގައި އޭނާ މަސައްކަތްކުރި ފިލްމު "ޑޯއާ: ދަ ޑެތު އޮފް އަމަރު"ގެ އެއް ޕްރޮޑިއުސަރު ރޭމޯ ޑިސޫޒާ ކަމަށް އޭނާއަށް އޮތީ ހީވެފަ އެވެ. ނަމަވެސް އެއީ އޭނާގެ ނަން ބޭނުންކޮށްގެން ބަޔަކު އޮޅުވާލައިގެން އުފައްދާ ފިލްމެއް ކަމަށް ރޭމޯ މީޑިއާގައި ބުނުމުން ރަޖީވް އަށް ލިބުނީ ބޮޑު ޝޮކެކެވެ.

"ރޭމޯ އާ ފިލްމުގެ އެހެން ޕްރޮޑިއުސަރުންނާ ޖެހުނު މައްސަލައެއް ޖެހުނީ. އަހަންނަށް ހީވަނީ ކޮންމެވެސް ކަންތައްގަނޑެއް ގޯސްކޮށް ހިނގިހެން. އަހަރެން ރޭމޯ އަށް ގުޅައިގެން ވީ ގޮތެއް އޮޅުމެއް ނުފިލުވަން. އެ ފިލްމު މަތިން ހަނދާން ނައްތާލާފައި އަހަރެން ކުރިޔަށް ދިޔައީ،" ރަޖީވް ބުންޏެވެ.

ޖެހިގެން އައި އަހަރު ރޭމޯ މީޑިއާގައި ބުނެފައިވަނީ އެއީ އޭނާ ޕްރޮޑިއުސްކުރި ފިލްމެއް ނޫން ކަމަށާއި ކޮންމެވެސް ބަޔަކު އޭނާގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން އުފައްދަން އުޅުނު ފިލްމެއް ކަމަށެވެ. އަދި މިހާރު އެ ފިލްމުގެ މަސައްކަތް މުޅިން ހުއްޓިފައިވާކަމަށް ރޭމޯ އޭރު ބުނެފައި ވެއެވެ.

އެ ފިލްމުގައި ރަޖީވްގެ ކޯސްޓާރެއްގެ ގޮތުގައި މަސައްކަތްކުރި ޒަރީން ޚާން ވެސް ރޭމޯގެ މި ބަޔާން އިވިފައި ހައިރާންވިކަމަށް ބުނެފައި ވެއެވެ.

"އަހަރެން އެ ފިލްމުގައި ސޮއިކުރީ އެއީ ރޭމޯގެ ފިލްމެއް ކަމަށް ޔަގީންކުރެވިގެން. އަހަރެމެން އެ ފިލްމުގެ މަސައްކަތް މުޅިން ނިންމާލިން. އެންމެ ފަހު ދުވަހުގެ ޝޫޓިންގަށް ފަހު އެންމެން ފިލައިގެން ދިޔައީ،" ޒަރީން ބުނެފައި ވެއެވެ.

ދެން ރަޖީވް ކުޅެން ފެށީ "ވިލު ޔޫ މެރީ މީ" ކިޔާ ފިލްމެކެވެ. އޭނާގެ އިންޓަވިއުގައި ރަޖީވް ބުނެފައިވަނީ އެއީ ވެސް އޭނާއަށް ބަޔަކު ދިން ލަނޑެކެވެ.

"މީހަކު އަހަންނަށް ބޮޑު ލަނޑެއް ދިނީ އެ ފަހަރުވެސް. އަހަރެން ލައްވާ ފިލްމެއް ކުޅެން ސޮއިކުރުވި. އެމީހާ ދެއްކި ސްކްރިޕްޓް އަހަރެންނަށް ވަރަށް ކަމުދިޔަ. އެ ފިލްމުގައި އަހަރެން ކުލެން ޖެހެނީ ޖޯކަރެއްގެ ރޯލަށް ވާތީ ފިލްމު ކުޅެން ބޭނުންވި. އަދި އެ ފިލްމުގެ މަސައްކަތް އަހަރެން ފެށިން ވެސް މެ. ނަމަވެސް ފަހުން ޕްރޮޑިއުސަރު އައިސް ބުނީ އެ ފިލްމު އިހަށް ބާއްވާފައި 'ވިލް ޔޫ މެރީ މީ' ކިޔާ ފިލްމެއް ކުޅެދޭށޭ. އެ ފިލްމު ޑައިރެކްޓްކުރާނީ އަހަރެން ކުޅުނު 'ޓޭބަލް ނަންބަރު:21'ގެ ޑައިރެކްޓަރު އަދިތުޔާ ދަތު އޭ ވެސް އެމީހާ ބުނި. އެހެންވެ އެމީހުން ދެއްކި ވާހަކައަށް އިތުބާރު ކޮށްފަ އެ ފިލްމު ކުޅެން އެއްބަސްވީ. ނަމަވެސް ފަހުން އެ ޖޯކަރު ބައި ކުޅެން ޖެހޭ ފިލްމުގެ މަސައްކަތް ޕްރޮޑިއުސަރުން ނުފެށި. އަހަރެން އެ ފިލްމު ގަނެގެން އަމިއްލައަށް ޕްރޮޑިއުސްކުރަން ވެސް ވިސްނިން. ނަމަވެސް ފިލްމުގެ ތިން ޕްރޮޑިއުސަރުން އެކަކު އަނެކަކާ ޖެހި އެއްވެސް މީހަކު އެގޮތަކާ ވެސް އެއްބަހެއް ނުވި،" ރަޖީވް ބުންޏެވެ.