ހަބަރު

ގިލިލަންކަންފުށި ރިސޯޓްގެ ޖީއެމް ފުރުން މަނާކޮށްފި

ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށްފި އެވެ.

ފުލުހުން ބުނީ ގިލިލަންކަންފުށި ފަޅުތެރޭ އޮތް ވެލިގަނޑަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަަށް ރޭގެ ވަގުތެއްގައި އެދުނު ކަމަށެވެ. އެ އަމުރު ކޯޓުން މިހާރު ނެރެފައިވާ ކަމަށްވެސް ބުންޏެވެ.

އެ އަމުރު ކަމާގުޅޭ ހުރިހާ އިދާރާއަކަށް މިހާރު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގިލިލަންކަންފުށި މުވައްޒިފުން އެ ވެލިގަނޑަށް ގެއްލުންދިނީ ހިންމަފުށީ މީހުން އަދި ބައެއް އެހެން ރަށްރަށުގެ މީހުން އެތަނަށް ޕިކުނިކުގޮސް ހަދާތީ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށް ބުނެ އެވެ. ވެލިގަނޑު ހަލާކުކޮށްލަން އެ ރިސޯޓުން ދިޔަ ޓީމުގައި ޖީއެމްވެސް ހުއްޓެވެ.

އެ މައްސަލަަ އޭޕީއޭއިންވެސް ދަނީ ބަލަމުންނެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދަނީ އީޕީއޭއާ ގުޅިގެން ކަމަަށެވެ.

ގިލިލަންކަންފުށި މުވައްޒިފުން އެ ވެލިގަނޑަށް ގެއްލުންދިން މައްސަލަ ބަލާ ހަރުކަށި ފިޔަވަަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މި މައްސަލާގައި ފިޔަވަޅު އެޅުން ފަސްވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ސަރުކާރާއި އިދާރާތަކަށްވެސް ފާޑުކިޔަމުންނެވެ.