މޯލްޑިވްސް ޕޮލިސް ސާވިސް

ޕަޓީނާގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ

Nov 1, 2021

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޕަޓީނާގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ލިބުނު އަނިޔާތަކާ ގުޅިގެން ބިދޭސީ އަކު މަރުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އިތުރު ދެ ދިވެއްސަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އޮފިސަރު ވިދާޅުވީ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ބިދޭސީ މީހާ އަށް އަނިޔާވުމުން މާލެއަށް ގެނެސް އިތުރު ފަރުވާ ދިނުމަށް އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ވަނީ މަރުވެފަ އެވެ.

ފަރި އައިލެންޑް ހަދާފައިވަނީ ލޯންޗެއްގައި މާލެއިން ފުރައިގެން 45 މިނެޓް ދަތުރުކޮށްފައި ދެވޭ ހިސާބެއްގައި އޮންނަ "ރަށްފަޅު" ހިއްކައިގެންނެވެ. ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސް ގުރޫޕްގެ ފުރަތަމަ ރިސޯޓް "ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް" ހުޅުވީ މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.