ދުނިޔެ

އަފްގާނިސްތާން ބިންހެލުމުގައި އިންޑިޔާ ޕާކިސްތާނު ވެސް ގުޑުވާލައިފި

ކާބުލް (ރޮއިޓާސް) - އަފްގާނިސްތާނުގެ އިރު އުތުރަށް ބާރުގަދަ ބިންހެލުމެއް އައިސްފި އެވެ.

މި ބިންހެލުން 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައުމުގެ އަސަރު ވެރިރަށް ކާބުލްގެ އިތުރުން ޕާކިސްތާނުގެ އުތުރަށާއި އިންޑިޔާއަށް ވެސް ކޮށްފައިވެއެވެ.

މި ބިންހެލުމުގައި ލިބުނު ގެއްލުންތައް މިހާތަނަށް އަދި މާ ރަނގަޅަށް ސާފެއް ނުވެއެވެ. އެކަމަކު ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވީ އެގައުމުން މަދުވެގެން ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ. ވެރިރަށް ކާބުލްގެ އިމާރާތްތަށް ގުޑައިގެން ދިޔަ ކަމަށް ރިޕޯޓްތައް ލިބިފައި ވެއެވެ.

އަދި ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސާއި އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ އިމާރާތްތަކަށް ވެސް ލޮޅުން އެރި ކަމަށާއި މީހުންތައް އިމާރާތްތަކުން ނުކުމެ ތިބީ މަގުމަޓީގައި ކަމަށާއި ބިންގަނޑު މިނެޓަކަށްވުރެ ގިނައިރު ހެލުނު ކަމަށް ރޮއިޓާރސް ބުނެއެވެ.

ބިމުގެ 82 ކިލޯ މީޓަރު ފުނުން އުފެދުނު މި ބިންހެލުން އައި ސެންޓަރ ޕޮއިންޓަކީ އަފްގާނިސްތާނުގެ ފަރުބަދަ މަތީ ސަރަހައްދެކެވެ. މިއީ ކުރިން ވެސް ބިންހެލުން އަންނަ ސަރަހައްދެކެވެ.

މި ބިންހެލުން އައިސްފައި މިވަނީ މި ސަރަހައްދުގެ ނޭޕާލަށް އެގައުމުގެ ތާރީހުގައި ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިން ހެލުން އައިތާ ހަމަސް ދުވަސް ފަހުންނެވެ. އެ ބިން ހެލުމުގައި ނުވަ ހާސް މީހުން މަރުވެ ނުވަ ލައްކަ މީހުންގެ ގެދޮރު ހަލާކުވިއެވެ. މިއަދު އައިވަރުގެ ބާރުގަދަ ބިންހެލުމެއް މީގެ ދިހަ އަހަރު ކުރިން ޕާކިސްތާނަށް އައިއިރު އެފަހަރު އެގައުމުން 75000 މީހުން މަރުވިއެވެ.