ދުނިޔެ

އަފްޣާން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 180 އަށް

Oct 26, 2015

ކާބުލް (އޭޕީ) - އަފްޣާނިސްތާނުގެ އުތުރަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި އެގައުމާއި، ޕާކިސްތާނާއި އިންޑިޔާއިން މަރުވި މީހުންގެ އަދަދު 180 އަށް އަރައިފިއެވެ.

ގާތްގަނޑކަށް 7.5 މެގްނިޓިއެޑް ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއިން ފެށިގެން ގޮސް ޕާކިސްތާނު ފަހަނަ އަޅައި އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ވެސް ކޮށްފައި ވެއެވެ. މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ އަފްޣާނިސްތާނަށާއި ޕާކިސްތާނަށެވެ.

ޕާކިސްތާނުން ބުނީ މަދުވެގެން 147 މީހުން މަރުވެފައި ވާ ކަމަށާއި 600 އެއްހާ މީހުންނަށް އަނިޔާ ވެފައިވާ ކަމަށެވެ. އަފްޣާނިސްތާނުން ބުނީ އެގައުމުން މަރުވި މީހުންގެ އަދަދު 33 އަށް އަރާއިރު 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެފައި ވާ ކަމަށެވެ. އަފްޣާނިސްތާނާއި ޕާކިސްތާނުގެ އިމާރާތްތަކާއި މަގުތަކާއި މުއާސަލާތީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އިންޑިޔާގެ އިމާރާތްތަކަށް ލޮޅުން އަރައި ބައެއް ކުދިކުދި ގެއްލުންތައް ލިބިފައިވާއިރު ދެމީހަކު ވަނީ މަރުވެފައެވެ.

އަފްގާނިސްތާނުގެ ފަރުބަދަމަތީ ސަރަހައްދަކަށް އައި މި ބިންހެލުން އުފެދިފައި ވަނީ 213 ކިލޯމީޓަރު ފުނުން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެއެވެ. ބިންހެލުން ސީދާ އުފެދުނު މި ސަރަހައްދަކީ ބައިބޯ ހިސާބެއް ނޫނެވެ. އަދި މި ބިންހެލުމުގެ ސެންޓަރ ޕޮއިންޓާއި އެ ސަރަހައްދުގެ ބައިބޯ ވެރިރަށާއި ދެމެދު 73 ކިލޯމީޓަރު ހުރެއެވެ.