ހަބަރު

އީސީގެ ނައިބު ރައީސްކަމަށް ހަބީބު

Jan 25, 2021
14

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބު މިއަދު އިންތިހާބުކޮށްފި އެވެ.

އީސީގެ ނައިބު ރައީސްގެ މަގާމަށް ހަބީބު އިންތިހާބުކޮށްފައި ވަނީ އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމު ހުސްވެފައި ވަނީ، އީސީގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަކްރަމް މެންބަރު ކަމުން އިސްތިއުފާ ދެއްވީ، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމާފައި ވަނިކޮށެވެ. އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭނާ ވަކިކުރަން ނިންމީ އެ މައްސަލާގައި ނޫން ކަމަށް ކޮމިޓީން ވަނީ ފަހުން ބުނެފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އަކްރަމް ރައީސް ސޯލިހަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ކަމަަށެވެ.