ދިވެހި އަސްކަރިއްޔާގައި އަންހެންނަށް ހަމަހަމަ ފުރުސަތު އެބައޮތް ކަމަށް ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު މެންދުރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މައި މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ސިފައިންގެ އޮފިސަރުންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ސިފައިންގެ ތާރީހުގައި އަންހެން އޮފިސަރުން މޭޖާ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އެއީ އަސްކަރިއްޔާގައި ވެސް އަންހެންނަށް އޮތް ހަމަ ފުރުސަތުތައް ދައްކުވައިދޭ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"މިއީ ދިވެހި ސިފައިންގެ ތާރީހުގައިވެސް އަދި ދިވެހި އަންހެނުންގެ އަސްކަރީ ހިދުމަތުގެ ތާރީހުގައިވެސް މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރު. މިހާރު އެމްއެންޑީއެފްގެ ރޭންކުތަކަށް ބަލާއިރު އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކު. މިއިން އެނގެނީ ދިވެހި އަސްކަރިއްޔާ ގައިވެސް އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު އެބައޮތް ކަމާއި ސިފަވަންތަ ކަމުގެ ގޮތުންނާއި ހިންގުންތެރި ކަމުގެ ދާއިރާއިންވެސް ގާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވިކަން," ރައީސް ވިދާޅުވިއެވެ.
ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ޒަމާނީ އަސްކަރިއްޔާތަކުގައި އެ ކަން ކުރަމުން އަންނަ ގޮތް ބަލައި އެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާ ވެގެން އަންނައިރު ސިފައިންގެ ތައުލީމީ ފެންވަރާއި އެ މީހެއްގެ ސިފަވަންތަ އަހުލާގާ ނަތީޖާ ނެރެދޭ މިންވަރާއި ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިއަދުވެސް ވިދާޅުވީ ދިވެހި ސިފައިންނަކީ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި އަސްކަރީ އާލާތްތައް ހޯދައި ޒަމާނީ ވަސީލަތްތައް ގާއިމުކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްވުރެ އިތުރު ކޮށްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފެއާ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަަށްވެސް ވިދާޅުވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ސިފައިންގެ ހިދުމަތަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސިފައިން ކުރި މަސައްކަތް ފާހަގަ ކުރެއްވިއެވެ.
އަދި މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހިނގާދިޔަ ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާ މުދަލާއި ގެދޮރު ސަލާމަތް ކުރުމަށް ސިފައިން ކުރި ބުރަ އަދި ޖެހިލުންކުޑަ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ.