ހަބަރު

މިސްކިތަކަށް އަރާ މާރާމާރީ ހިންގި އިންޑިއާ މީހާގެ ބަންދަށް އިތުރު ފަސް ދުވަސް

މާލޭ ސިޓީގެ ހުޅުމާލޭގެ މިސްކިތެއްގައި އިން ދޮށީ އުމުރުގެ ދިވެއްސަކު މިސްކިތުން ނެރެން މަސައްކަތްކޮށް އެ މީހާގެ ގަޔަށް އަތްލައި މާރާމާރީ ހިންގި އިންޑިއާ މީހާގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި އެވެ.

ހުޅުމާލޭ އާޒީޒާ މިސްކިތުގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ނުބައި ވަހެއް ދުވާ ކަމަށް ބުނެ، އިންޑިއާ މީހަކު އެ މުސްކުޅި މީހާ މިސްކިތުން ނެރެން މަސައްކަތްކޮށް މާރާމާރީ ހިންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު އެވެ. އެ ދުވަހު އޭނާ ހައްޔަރު ކުރި ކަމަށް ނުބުނެ ފުލުހުން ބުނީ "އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި" ކަމަށެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު ފުލުހުން ބުނީ މާރާމާރީގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އިންޑިއާ މީހާގެ ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މީހާގެ ބަންދުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު ފުލުހުން ބުނީ އޭނާގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވާ ކަމަަށެވެ. މިފަހަރު ކޯޓުން ދިނީ ފަސް ދުވަހެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މާރާމާރީ ހިންގި އިންޑިއާގެ އެ މީހާއަކީ މަސްތުވެގެން ގޮސް މިސްކިތަށް އެރި މީހެކެވެ. ފަހަކަށް އައިސް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ފަރާތުން ތަފާތު ގިނަ ހާދިސާތައް ފެންމަތިވަމުން ދެއެވެ. އޭގެ ތެރޭގައި މީހުންގެ ރޭޕްކޮށް އިއްފަތް ފޭރުމާއި ދީނަށް ފުރައްސާރަ ކުރުމާއި ރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަން އޭގެ ތެރޭގައި ހިމެނެ އެވެ.

އިންޑިއާގެ މީހުންނާ ގުޅޭ މައްސަލަތަކުގައި ޖަވާބު ދިނުން ދިވެހި ފުލުހުން ލަސް ކުރާއިރު ގިނަ މައްސަަލަތަކުގެ ހަގީގަތް ސާފުވުމުގެ ކުރީން އެ މީހާ ރާއްޖެއިން ފޮނުވާލަ އެވެ. ރާއްޖޭގެ މިހާރުގެ ސަރުކާރާ އިންޑިއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އަދި 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ވެސް އެންމެ މުހިންމު ގައުމަކަށް ބަލައިގެން އުޅެނީ ފަސް ލައްކައެއްހާ މީހުންގެ އުޅޭ ރާއްޖެ އެވެ.