ކަޕިލް ޝަރުމާގެ ފޭނުންނަށް ވަރަށް ދެރަވާ ކަހަލަ ހަބަރެކެވެ. އެއީ ހަފުތާ ބަންދު ދެ ދުވަހު ސޮނީ ޓީވީން ދައްކަމުންދާ "ދަ ކަޕިލް ޝަރުމާ ޝޯ" ހުއްޓާލަން އުޅޭ ވާހަކަ އެވެ.
ކަޕިލް ޝަރުމާ އާއި ކިކޫ ޝާރުދާ، ބާރްތީ ސިންގް އަދި ކުރުޝްނާ އަބީޝެކްގެ ހެއްވާ މަޖާ ޖޯކުތަކާއި އެކްޓްތައް ފެނިގެންދާ މި ޝޯ ހުއްޓާލާ ސަބަބެއް ކަމަށް އެކި ނޫސްތަކުގައި ލިޔެފައި ވަނީ އެކި ސަބަބެވެ. އެގޮތުން ބައެއް ނޫސްތަކުން ބުނެފައި ވަނީ ޝޯ ބަލާ މީހުންގެ އަދަދު މަދުވަމުންދާތީ މި ވަގުތަށް ޝޯ ކުރިއަށް ނުގެންދަން ނިންމީ ކަމަށެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ ފެބްރުއަރީ މެދެއްހާ ހިސާބުން ފެށިގެން ޝޯ ދެއްކުން ހުއްޓާލާނެ އެވެ. ނަމަވެސް އަލުން އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު ޝޯގެ އާ ސީޒަނެއް ދުވަސްކޮޅެއް ފަހުން ފެނިދާނެ ކަމަށް ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.
މި ޝޯ 2018 އިން ފެށިގެން ވަރަށް ކާމިޔާބު ކަމާއެކު ދެ އަހަރު ދުވަހު ދައްކާފައި ވެއެވެ. މިހާ ގިނަ ދުވަހު ދެއްކުމަށް ފަހު ކަޕިލްގެ ޝޯ މެދުކަނޑާލަން ސޮނީ ޗެނަލުންނާއި ޝޯގެ ޕްރޮޑަކްޝަން ހައުސް އިން ނިންމީ ހަގީގަތުގައި ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކޮށްފަ އެވެ.
ފުރަތަމަ ކަމަކީ ޝޯގައި ލައިވް އޯޑިއަންސް އަށް ބައިވެރި ނުވެވުމެވެ. ޝޯގެ ފޯމެޓް އޮންނަ ގޮތުން ލައިވް އޯޑިއަންސް އަކީ ޝޯގެ ފުރާނަ އެވެ. ވީމާ ލައިވް އޯޑިއަންސް އަކާ ނުލައި ޝޯގެ ރޫހު އޮންނަނީ ގެއްލިފަ އެވެ.
ދެވަނަ ކަމަކީ ބޮލީވުޑް ފިލްމުތައް މިހާރު ރިލީޒް ކުރާލެއް މަދުކަމުން ޝޯގައި ބައިވެރިވާނެ ފިލްމީ ތަރިން ލިބޭލެއް މަދުވުމެވެ. ފިލްމު ޕްރޮމޯޝަންތަކަށް އަންނަ ފިލްމީ ތަރިންނަކީ ވެސް ޝޯގެ މުހިއްމު ބައެކެވެ. ވީމާ އެމީހުން ބައިވެރި ނުވުމަކީ ވެސް ޝޯއަށް ލިބޭ ވަރަށް ބޮޑު އުނި ކަމެކެވެ.
ޝޯ މެދުކަނޑާލާފައި މިހާރު މިއޮތް ބަލިމަޑުކަން ނިމި ހަމައަކަށް އެޅުމުން އަލުން ބައެއް އިސްލާހުތަކާއެކު ޝޯގެ އާ ސީޒަނަކާއެކު އެނބުރި އަންނަން ޝޯގައި ހިމެނޭ އެންމެން ވެސް ވަނީ އެއްބަސްވެފަ އެވެ.
އަނެއްކޮޅުން ކަޕިލްގެ އަންހެނުން މިހާރު އިނީ ދެ ވަނަ ދަރިއަކަށް ބަލިވެ ކަމުން އަންހެނުން ވިހާ ގަދަވަން ދެން އޭނާއާއެކު ވަގުތު ހޭދަކުރަން ކަޕިލް ބޭނުންވެ އެވެ. ވީމާ މި ވަގުތު ޝޯ ހުއްޓާލުމުން ކަޕިލް އަށް ވެސް ހަމަޖެހިލައިގެން އާއިލީ ޒިންމާތައް ނަގަން ފަސޭހަވުން ވެސް އެއީ އެއް ސަބަބު ކަމަށް ވެއެވެ.
މިހާރު ވިސްނާފައި ވަނީ މަދުވެގެން ތިން މަހެއްހާ ދުވަހަށް ޝޯ މެދުކަނޑާލާށެވެ. އެހާތަނަށް ކަންކަން ހަމަޔަކަށް އެޅި ލައިވް އޯޑިއަންސް އާއި ފިލްމީ ތަރިންނާއެކު ޝޯ ކުރިޔަށް ގެންދެވޭ ހާލަތެއް އަތުވެއްޖެނަމަ ޝޯ ފަށަން ވަނީ ރާވާފަ އެވެ.