ކޮމޭޑިއަން ކަޕިލް ޝަރުމާ އަކީ އޭނާގެ ޝޯގައި ބައިވެރިވާ ހުރިހާ މީހުންނާ ވެސް އެ ވަރަށް ވައްބަހުން ޖަހާ މަލާމާތްކޮށް ހަދާ މަޖާ މީހެކެވެ. ނަމަވެސް މިފަހަރު މިކަން ދިމާވީ އިދިކޮޅަށެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަޕިލް އަށް މަލާމާތްކޮށް ޓްރޯލް ކުރީ އެވެ. ކަޕިލް އާ އެންމެން ދިމާކޮށްލީ މާ އަވަހަށް އޭނާ ދެ ވަނަ ދަރިއަކު ހޯދައިގެންނެވެ.
ހޯމަ ދުވަހު ކަޕިލް ވަނީ އޭނާގެ އަންހެނުން ގިންނީ ޗަތުރަތު ދެ ވަނަ ދަރިއަކު ވިހައިފިކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ. އަދި އެމީހުންނަށް މިފަހަރު ލިބުނީ ފިރިހެން ކުއްޖެއް ކަމަށް ވެސް ކަޕިލް ބުނެފައި ވެއެވެ.
ކަޕިލް އާއި ގިންނީ ކައިވެނިކުރީ 2018 ވަނަ އަހަރު އެވެ. އަދި ޑިސެމްބާ 2019ގައި އެ ދެމަފިރިންނަށް އަނައިރާ ކިޔާ އަންހެންކުއްޖެއް ވަނީ ލިބިފަ އެވެ.
އޭނާގެ އާއިލާ ބޮޑުވަނީކަމަށް ބުނެ ކަޕިލް ޝެއާ ކުރި މެސެޖާއެކު އޭނާގެ ފޭނުން ވަނީ އެކި ކަހަލަ މަޖާ ކޮމެންޓުތައް ކޮށް ކަޕިލް އާ ވަރަށް ވަރުގަދަޔަށް ޖައްސާލައި މަޖާ ނަގާފަ އެވެ.
ކަޕިލްގެ ދެ ދަރިންގެ ދެމެދުގައި ހުރީ އަހަރެއްހާ ދުވަހުގެ ފަރަގެވެ. އެހެންވެ މިހާ އަވަހަށް ދެވަނަ ކުއްޖަކު ހޯދީމަ ކަޕިލްގެ ފޭނުންނަށް މިއީ މާ މަޖާ ކަމަކަށް ވީ އެވެ. އަދި އެހާ ދޭތެރެ ކައިރިކޮށް ކުދިން ހޯދުމަކީ ރަނގަޅު ޕްރެކްޓިސް އެއް ނޫންކަމަށް ވެސް ބައެއް މީހުން ކޮމެންޓުކޮށްފައި ވެއެވެ.
"އެހެން މީހުންނާ އަބަދު ސަމާސާކޮށް މަޖާކުރަމުން ދިޔަ ކަޕިލް މިހާރު ނޭވާ ވެސް ނުލާ ދަރިން ހޯދަނީ،" އެހެން މީހެއްގެ ކޮމެންޓުގައި ބުނެފައި ވެއެވެ.
އަކިލް ރާޖް ކިޔާ މީހެއްގެ ކޮމެންޓުގައި ބުނެފައިވަނީ މިގޮތަށް އަހަރަކު ދަރިއެއް ހޯދާނަމަ ވަރަށް އަވަހަށް ކަޕިލްގެ އާއިލާ ބޮޑުވާނެ ކަމަށެވެ.
މަސައްކަތުގެ ގޮތުން ބަލާއިރު ކަޕިލް މި ވަގުތުހުރީ އަންހެނުން ވިހާ ދުވަސް ކައިރިވުމުން ކުޑަ ބްރޭކެއް ނަގައިގެން މަސައްކަތްތަކާ ދުރުގަ އެވެ. ކަޕިލްގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ މަސައްކަތް ވެސް އޭނާ ވަނީ ކުޑަކޮށް މަޑުޖައްސާލާފަ އެވެ. ނަމަވެސް ބޮޑެތި ބަދަލުތަކާ އެކު އާ ސީޒަނެއް ދެ ތިން މަސް ފަހުން ފަށާނެ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފައި ވެއެވެ.
ކަޕިލް ބައިވެރިވާ ނެޓްފްލިކްސްގެ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް އޭނާ ކުރަން ހަމަޖެހިފައި ވެއެވެ. އަދި ސޮނީލިވްގެ "ދާދީ ކީ ޝާދީ" އަކީ ވެސް ކަޕިލް މަސައްކަތް ކުރަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.