ދުނިޔެ

އަފްޣާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް

ކާބުލް (އޭޕީ) - އަފްގާނިސްތާނަށް މިއަދު އައި ބިން ހެލުމުގައި އެތައް ބަޔަކު މަރުވެއްޖެއެވެ. މި ބިންހެލުމުގެ އަސަރު އަފްގާނިސްތާނުގެ އިތުރުން އިންޑިޔާއާއި ޕާކިސްތާނަށް ވެސް ކޮށްފައި ވެއެވެ.

އަފްގާނިސްތާނުގެ ތަހާރު ޕްރޮވިންސްގައި ލޮޅުން އަރަމުން ދިޔަ ސްކޫލެއް ތެރޭން ނިކުންނަން މަސައްކަތް ކުރި ދަރިވަރުންތަކެއް ފިތިގެން 12 ކުއްޖަކު ވަނީ މަރުވެފައެވެ. އަދި ހަމަ މި ޕްރޮވިންސްގެ ވެރިރަށުގެ ސްކޫލަކަން 30 ކުއްޖަކު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މީގެ އިތުރުން ޕާކިސްތާނުންވެސް 17 މީހަކު މަރުވެ 100 އެއްހާ މީހުންނަށް ވަނީ އަނިޔާވެފައެވެ. މި ބިން ގެލުން 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައީ އަފްގާނިސްތާނުގެ އިރު އުތުރަށެވެ.

ވެރިރަށް ކާބުލްގެ އިމާރާތްތަށް ގުޑައިގެން ދިޔަ ކަމަށް ރިޕޯޓްތައް ލިބިފައި ވެއެވެ. އަދި ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސާއި އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ އިމާރާތްތަކަށް ވެސް ލޮޅުން އެރި ކަމަށާއި މީހުންތައް އިމާރާތްތަކުން ނުކުމެ ތިބީ މަގުމަޓީގައި ކަމަށާއި ބިންގަނޑު މިނެޓަކަށްވުރެ ގިނައިރު ހެލުނު ކަމަށް ރޮއިޓާރސް ބުނެއެވެ.

ބިމުގެ 212 ކިލޯ މީޓަރު ފުނުން އުފެދުނު މި ބިންހެލުމުގެ ސެންޓަރ ޕޮއިންޓަކީ އަފްގާނިސްތާނުގެ ފަރުބަދަ މަތީ ސަރަހައްދެކެވެ. މިއީ ކުރިން ވެސް ބިންހެލުން އަންނަ ސަރަހައްދެކެވެ.