ދުނިޔެ

އަފްގާން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 263 އަށް އަރައިފި

ކާބުލް (އޭޕީ) - އަފަގާނިސްތާނުގެ އިރު އުތުރަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 263 އަށް އަރައިފިއެވެ.

މި ބިން ހެލުން އައީ 7.5 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. މި ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިންވެގެން އޮންނަ ޕާކިސްތާނަށެވެ.

ބާރުގަދަ މި ބިންހެލުމުގެ ލޮޅުން އިންޑިޔާއަށާއި ތަޖިކިސްތާނަށް ވެސް އިހުސާސް ކުރެވުނެވެ. ބިންހެލުމުގެ ގެއްލުން އަފްގާނިސްތާނާއި ޕާކިސްތާނުގެ އިމާރާތްތަކަށާއި މަގުތަކަށާއި ކަރަންޓާއި މުވާސަލާތީ ހިދުމަތަށް ލިބިފައި ވެއެވެ.

ޕާކިސްތާނުގެ 228 މީހުން މަރުވެފައި ވާއިރު، ހާހަކަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަފްގާނިސްތާނުން މަރުވީ 33 މީހުންނެވެ. އަދި އިތުރު 200 މީހުންނަށް އަނިޔާވިއެވެ. އިންޑިޔާއިން މަރުވި ކަމަށް ރިޕޯޓްކޮށްފައި ވަނީ ދެ މީހުންނެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ލިބުނު ގެއްލުންތައް ދެނެގަނެވެމުންދާ ވަރަކަށް މަރުވެފައިވާ މީހުން މިއަށްވުރެ އަދި ގިނަކަން ހާމަ ވާނެއެވެ. މި ބިންހެލުމުގައި އަފްގާނިސްތާނުން އެންމެ ބޮޑަށް ގެއްލުން ލިބުނީ ސިޓީތަކާ ދުރު އެކަހެރިކޮށް އޮންނަ ސަރަހައްދުތަކަށް ކަމަށް ވާތީ، އެހީދޭ ފަރާތްތަކަށް އެ ތަންތަނަށް ވާސިލުވުމުގެ ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ. އަދި މުއާސަލާތީ ގުޅުންތަކަށް ބުރޫ އަރާފައި ވާތީ އެފަދަ ސަރަހައްދުތަކުގެ އެންމެ ސައްހަ މައުލޫމާތު އަދި ވަނީ ސާފު ނުކުރެވިއެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި ސަރަހައްދުތަކަށް ދަތުރުކޮށް ލިބިފައިވާ ހަގީގީ ގެއްލުން ދެނެގަނެވޭނެ ކަމަށް އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯޜިޓީން ވަނީ ބުނެފައެވެ.