ދުނިޔެ

އަފްގާން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 311 އަށް

ކާބުލް (އޭޕީ) - އަފަގާނިސްތާނުގެ އިރު އުތުރަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 311 އަށް އަރައިފިއެވެ.

އަފްގާނިސްތާނަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިންވެގެން އޮންނަ ޕާކިސްތާނަށެވެ.

މި ބާރުގަދަ ބިންހެލުމުގެ ލޮޅުން އިންޑިޔާއަށާއި ތަޖިކިސްތާނަށް ވެސް އިހުސާސް ކުރެވުނެވެ. ބިންހެލުމުގެ ގެއްލުން އަފްގާނިސްތާނާއި ޕާކިސްތާނުގެ އިމާރާތްތަކަށާއި މަގުތަކަށާއި ކަރަންޓާއި މުވާސަލާތީ ހިދުމަތަށް ލިބިފައި ވެއެވެ.

ޕާކިސްތާނުން 237 މީހުން މަރުވެފައި ވާކަން މިހާތަނަށް ޔަގީން ކުރެވިފައިވާއިރު، ދެހާހަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި ޕާކިސްތާނުގެ 2500 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. މިހާތަނަށް އެއްކުރެވުނު މައުލޫމާތުން އެނގޭ ގޮތުގައި އަފްގާނިސްތާނުން މަރުވީ 74 މީހުންނެވެ. އަދި އިތުރު 500 މީހުންނަށް އަނިޔާވިއެވެ. އިންޑިޔާއިން މަރުވި ކަމަށް ރިޕޯޓްކޮށްފައި ވަނީ ދެ މީހުންނެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ލިބުނު ގެއްލުންތައް ދެނެގަނެވެމުންދާ ވަރަކަށް މަރުވެފައިވާ މީހުން މިއަށްވުރެ އަދި ގިނަކަން ހާމަ ވާނެއެވެ. މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ސިޓީތަކާ ދުރު އެކަހެރިކޮށް އޮންނަ ސަރަހައްދުތަކަށް ކަމަށް ވާތީ، އެހީދޭ ފަރާތްތަކަށް އެ ތަންތަނަށް ވާސިލުވުމުގެ ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ.

އަދި މުއާސަލާތީ ގުޅުންތަކަށް ބުރޫ އަރާފައި ވާތީ އެފަދަ ސަރަހައްދުތަކުގެ އެންމެ ސައްހަ މައުލޫމާތު އަދިވެސް ވަނީ ސާފު ނުކުރެވި ކަމަށް އަފްގާނިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯޜިޓީން ވަނީ ބުނެފައެވެ.