ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން ޖަހަން ރެޑީތަ؟

Jan 27, 2021
7

ކޮވިޑުން ސަލާމަތްވުމުގެ ބޮޑު އުންމީދަކީ މި ބައްޔަށް އޮތް ވެކްސިނެވެ. އެހެން ކަމުން މުޅި ދުނިޔެ އައީ މި ވެކްސިން އަށް އިންތިޒާރު ކުރަމުންނެވެ. މިހާރު މިއޮތީ މި އިންތިޒާރުގެ ނިމުމާއި ކައިރީގަ އެވެ. ވެކްސިން ޖަހަން ރެޑީ ހެއްޔެވެ؟ ކޮވިޑް ވެކްސިން އިން މި ބަލި ޖައްސާ ވައިރަސް ކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރު ކޮށްދެ އެވެ. އެހެންކަމުން މި ވެކްސިން އަކީ ބަލިން ރައްކާތެރި ވުމަށް އޮތް މަގެކެވެ.

ކޮވިޑަކީ އާއްމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއް އަދި މިއީ ސިއްހީ ބޮޑު ކާރިސާއެކެވެ. އޭގެ ސަބަބުން އިގްތިސޯދީ އަދި އިޖްތިމާއީ އެތަށް ގޮންޖެހުމެއް ދުނިޔެ ތަޖުރިބާ ކޮށްފި އެވެ. މި ބަލި ނުރައްކާވަނީ ވައިރަހުގެ ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރު ފުރައިގެ މީހުން ވެސް މިބަލީގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭތީ އެވެ.

މި ބައްޔާއި ރާއްޖެއިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ހަނގުރާމަ ކޮށްފި އެވެ. އަދި ރާއްޖޭގައި މި ބަލީގައި 51 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑަށް ވެކްސިނެއް އުފައްދާ ޓެސްޓްކޮށް ނެރުމުން ވެކްސިން އާއި ގުޅޭ ސައްހަ ނޫން ތަފާތު ވާހަކަތައް މަޖަލަށާއި ސިޔާސީ ބޭނުންތަކަށް ޒިންމާދާރު ކުޑަ ގޮތެއްގައި ފަތުރަ އެވެ. އޭގެ ސަބަބުން ވެކްސިން އާއި ގުޅޭ ކުށްހީތަށް އިތުރުވުމާއި ފަސްޖެހުން އަދި ބިރުގަނެ ވެކްސިންތަކަށް އޮތް އިތުބާރު ކުޑަވެގެން ދެއެވެ.

ވެކްސިން އާއި ގުޅޭ ސައްހަ މައުލޫމާތު ހޯދުމަކީ އެއްމެންގެ ވެސް ޒިންމާއެކެވެ. ވެކްސިން އާއި ގުޅޭ ކުށްހީތަކެއް ވާނަމަ މައުލޫމާތުގެ ސާފު ކުރަން ޖެހެ އެވެ. އެޗްޕީއޭއިން ދަނީ ކޮވިޑް ވެކްސިން އާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑަށް ރާއްޖެއިން ހިޔާރު ކޮށްފައިވާ ވެކްސިނަކީ "ކޮވިޑްޝީލްޑް" އެވެ. މި ވެކްސިން އަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ތައްޔާރު ކޮށްފައިވާ ވެކްސިނެކެވެ. އިންސާނެއްގެ ގަޔަށް ވެކްސިން ޖެހުމުގެ ކުރިން އެ ވެކްސިނަކީ އެކި މަރުހަލާތަކުގައި ޓެސްޓް ކުރާ އެއްޗެއްކެވެ.

އިންޑިއާއިން ވަނީ ރާއްޖެއަށް އޭގެ 100000 ވެކްސިން ޑޯޒްވަނީ ދީފަ އެވެ. އެޗްޕީއޭއިން ބުނާ ގޮތުގައި 'ކޮވިޝީލްޑް' އަކީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅު ކަމަށް ތަހުލީލުތަކުން ދެނެގެންފައިވާ ވެކްސިނެކެވެ. އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނަކަށް ވުމުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވާނެ އެވެ.

ކޮވިޑް ވެކްސިން އާއި ގުޅޭ ބައެއް އެހެން ކަންކަމަށް ބަލާއިރު ވެކްސިނަކީ ވަކި އުމުުރުފުރާތަކަށް ޓެސްޓް ކޮށްފައިވާ އެއްޗެއްކެވެ. އުމުރުން 16 އަހަރަށްވުރެ ދަށުގެ ކުދިންނަށް މި ވެކްސިން ޓެސްޓް ކޮށްފައިވާ ނުވާތީ ކުޑަކުދިންނަށް މި ވެކްސިން ޖަހާކަށް ނުޖެހޭނެ އެވެ. ދެން ވެކްސިން ނުޖެހޭނެ މީހުނަކީ ކޮވިޑް-19 ތަހައްމަލު ކުރަމުންދާ މީހުން، ބަލިން ރަނގަޅުވެ ބަލީގެ އަލާމާތްތައް ފިލައި ދަންދެން ތިބޭ މީހުންނެވެ.

ކޮވިޑްގެ ވެކްސިންތަކަށް ފުރަތަމަ ހުއްދަ ދިންއިރު މި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނެ މުއްދަތަކީ ކިހާ ދުވަހެއްތޯ އެނގިފައެއް ނުވެއެވެ. މިކަން އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ. އެހެން ނަމަވެސް، މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ދައްކާގޮތުން ވެކްސިންގެ އަސަރު އެއް އަހަރު ދުވަހަށް ހުންނާނެ އެވެ. ސެޓެރޮއިޑްސް، ލޭދިޔާ ކުރާ ބޭސް، އެންޓިބައޮޓިކް އަދި އިމިއުނޯސަޕްރެސެންޓް ބޭނުންކުރާ މީހުން ވެކްސިން ޖެހުމުގެ ކުރިން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ޖެހެއެވެ. ވެކްސިން ފުރިހަމަވަނީ ދެ ޑޯޒުންނެވެ.

ރާއްޖޭގެ ސަރުކާރުން އެއްވެސް މީހަކަށް ވެކްސިން ޖަހަން މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށްވެ ގިނަ ބަޔަކު މި ވެކްސިން ޖަހާ ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސް ވާނެ އެވެ.