ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މިހިނދުން ފެށިގެން މަނާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން މިރޭ ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. އެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ދާދި ފަހުން މާލޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިން 100 ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އާއިލީ އެއްވުމެއްގައި ބައިވެރިވި ގިނަ ބަޔަކުވެސް ހިމެނެއެވެ.

ރައްކާތެރިކަމަށްޓަކައި މިރޭ ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި އަލުން ކާފިއު ހިންގަން ފަށާ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށް ވަނީ ނިންމާފައެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. މިއަދަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އެއީ 145 އެކެވެ. އިއްޔެ ނަންބަރަކީ 108 އެކެވެ. މިއީ ކޮވިޑްގެ ހާލަތު ގޯސްވާން ދާ ކަމުގެ ނިޝާނެކެވެ. ޖަނަވަރީން މި ހޭދަވި 26 ދުވަހު އެކަނިވެސް 1،500 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.