މާލެއިން ރަަށްރަށަށްދާ އެންމެންވެސް ކަރަންޓީނުވާން ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން މިރޭ ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލެއިން ރަަށްރަށަށްދާ އެންމެންވެސް ކަރަންޓީނުވާން ޖެހޭނެ ކަމަަށެވެ.
މި އެންގުން އައުމުގެ ކުރިން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މާލެއިން ރަށްރަށަށް ކަރަންޓީން ނުވެ ދެވެއެވެ. ނަމަވެސް އާންމުން މީގެ ކުރިންވެސް 10 ދުވަހަށް ކަރަންޓީންވާން ޖެހެ އެވެ. މިދިޔަ ދުވަސްތަކުގައި އެޗްޕީއޭގެ ހުއްދަ ހޯދައިގެން ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން ރަށްރަށަށް ވަޑައިގެން ކަރަންޓީންވުމެއް ނެތި އާންމުންނާއެކު އެތަށް ވަގުތެއް ހޭދަކޮށްފައިވެއެވެ. ރަށުގެ އެކި ރައްޔިތުން ބައިވެރިވާ ބޮޑެތި ޖަލްސާތައްވެސް ބާއްވާފައިވެއެވެ.
އަދި އާންމު ހިދުމަތް ދިނުމަށްދާ މީހުންނަށް ފަސް ދުވަހު ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ ގޮތް ހަމަޖައްސައިދެއެވެ.
މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. އަދި މިރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ.
އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. މިއަދަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އެއީ 145 އެކެވެ. އިއްޔެ ނަންބަރަކީ 108 އެކެވެ. މިއީ ކޮވިޑްގެ ހާލަތު ގޯސްވާން ދާ ކަމުގެ ނިޝާނެކެވެ. ޖަނަވަރީން މި ހޭދަވި 26 ދުވަހު އެކަނިވެސް 1،500 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.