ހަބަރު

ނައިބު ރައީސް އަދީބު ޕީޕީއެމުން ވަކިކޮށްފި

Oct 26, 2015
2
  • ވަކި ކުރީ ޕާޓީގެ އަސާސްތަކާ ދެކޮޅަށް އަމަލުތަކެއް ހިންގަވައިގެން
  • ސްޓެޕްސް އައްޔަ ވެސް ވަނީ ޕާޓީ އިން ވަކިކޮށްފައި

ނައިބު ރައީސް އަހުމަދު އަދީބު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އެ ޕާޓީން ވަކިކޮށްފި އެވެ.

އެޕާޓީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވައިގެން ޕާޓީގެ އަސާސްތަކާއި ޕާޓީގެ ފިކުރާއި ވިސްނުމާއި ދެކޮޅަށް އަދީބު އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ބުނެ ސްލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ޕާޓީގެ މަގާމުތަކުންނާއި އަދި ޕާޓީގެ މެންބަރު ކަމުން ވެސް އަދީބު ވަކި ކުރަން ނިންމީ ޕާޓީގެ އަސާސީ ގަވާއިދުގެ 19 އަދި 20 ވަނަ މާއްދާ އާއި ސްލޫކީ މައްސަލަތަކާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ހ ގެ ހަތް ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން ކަމަށެވެ.

"އަހުމަދު އަދީބު އަބްދުލްޣަފޫރު ޕާޓީ އިން ވަކި ކުރުމަށް ސްލޫކީ ކޮމިޓީ އިން ނިންމާފައިވާތީ، މައްސަލައިގެ ބާވަތުން އަހުމަދު އަދީބު އަބްދުލްޣަފޫރު މިއަދުން ފެށިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރުކަމުންނާއި ޕާޓީގެ ނައިބު ރައީސްގެ މަގާމުން ވަކިވެއްޖެ ކަމުގައި ދެންނެވީ މެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ ހިމެނިވަޑައިގަންނަވާ، ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ވެސް ޕީޕީއެމްގެ މަގާމުތަކުންނާއި ޕާޓީ އިން ވެސް ވަކި ކުރިކަން މިރޭ ވަނީ އިއުލާން ކޮށްފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 19 އަދި 20 ވަނަ މާއްދާގެ ދަށުން ސްޓެޕްސް އައްޔަވެސް ޕާޓީ އިން ވަކި ކުރީ ޕާޓީގެ އަސާސްތަކާ ހިލާފަށް އަމަލުތައް ކުރައްވައި ޕާޓީގެ ވިސްނުމާއި އަދި ފިކުރާ މުޅިން ހިލާފު އަމަލުތަކެއް އޭނާ ވެސް ކުރައްވާފައިވާތީ އެވެ. ސްޓެޕްސް އައްޔަ އަކީ ވެސް އަދީބުގެ އަރިސް ބޭފުޅެކެވެ.