ކުރީގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ ނާއިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު އޭރު ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ހިޔާނާތުގެ ފައިސާ ހިމެނޭކަން އެނގިފައިނުވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލިބުނު ނުވަތަ އެކި ގޮތްގޮތުން މަންފާ ލިބުނު ކަމަށް ބުނާ 281 މީހެއްގެ ނަން ހިމަނާފައިވާ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ އާންމުކޮށްފައެވެ. އެއީ ރައީސް ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައި އޮތް ލިސްޓެކެވެ. ނަމަވެސް އެ ލިސްޓް މަޖިލީހުން އާންމުކޮށްފައިވަނީ ތަހުގީގު ނުނިމެނީހެވެ.
ލިސްޓްގައި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި އެ ޕާޓީގެ ލީޑާޝިޕްގެ ވަރަށް ގިނަ ބޭފުޅުން ހިމެނިފައިވެއެވެ. އެކަމާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ތަހުގީގު ކުރަން ފަށާފައިވާ މައްސަލައެއް ކަމަށާ އަދި އެ މައްސަލާގައި ޝާމިލްވާ ބައެއް މީހުންގެ ޝަރީއަތް ކުރެވި ހުކުމް ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީ ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަ ކުރި ކަންތައްތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ބޭފުޅުންނާ އެކު ޑީލް ހަދާ އެމީހުންގެ އަދަބަށް ލުއި ހޯދާ ދިނުމުގެ އިތުރުން އެމައްސަލައިގެ ތުހުމަތުގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ނަންތައް އުނި ކުރުން ކަމަށް ވަނީ ބުނެފައެވެ.
"...ހަމައެއާއެކު މި ސަރުކާރު ވެރިކަމަށް އައިސް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއް އޭގައި އޮވެގެން ކަމަށް އެއް އިރަކުވެސް ގަބޫލެއް ނުކުރެވޭ. އެއީ އެ ކޮމިޝަންގެ ރައީސް އަކަށް އިންނެވި ބޭފުޅަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި އަދި އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކަށް ވުން. އަދި އެ ކޮމިޝަން އުފައްދައިގެން ދެ އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމުން ދޭހަވަނީ އެ ކޮމިޝަނާއި ހަވާލު ކުރެވުނު ކަމަށް ބުނާ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއް ކަން. އޭގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަން،"
އެ ބަޔާނުގައި ބުނެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް ދެ އަހަރާއި ބައި ވެގެން ދިޔަ އިރު އެ ކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދުވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް އެ މީހުންނާ ސުވާލު ކުރުމެއް ނެތި އެ ލިސްޓު މަޖިލީހާއި ހިއްސާ ކުރުމުންވެސް އެ ލިސްޓު ތައްޔާރު ކުރި މަގުސަދު ވަރަށް ބޮޑަ ހާމަވެގެންދާ ކަމަށެވެ. އަދި އެއީ ޒިންމާދާރު މަސައްކަތެއް ކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި 281 މީހެއްގެ ނަންތައް ހިމެނިފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި މީހުންގެ ނަންތައް އެ ލިސްޓުގައި ނެތް ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުންވެސް މި ހިޔާނާތުގައި ބައިވެރިވި މީހުންނަށް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަހުގީގުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"... އާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި އިންތިހާބުތަކަށް ހަރަދު ކުރާ ފައިސާ ޕާޓީތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން. އެގޮތުން މި ޕާޓީއަށްވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދެ. އެގޮތުގެ މަތިން ހޯދާ ފައިސާވެސް ވާނީ އެކި ކަންކަމަށް ހަރަދު ކޮށްފައި. ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިހާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ހަރަދުކޮށްފައި ވާނެ. އަދި އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީޕީއެމްގެ އޭރުގެ ނާއިބު ރައީސް އަހްމަދު އަދީބު. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ހިޔާނާތުގެ ފައިސާ ހިމެނޭ ކަމެއް ޕާޓީއަށް އެނގިފައެއް ނުވެ. ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އޭނާ މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާ ކަން ފާހަގަ ކުރަން،" ހިޔާނާތުގެ ފައިސާ ޕީޕީއެމަށް ހަރަދު ކޮށްފައިވާ ކަމަށް އަދީބު ކުރައްވާ ތުހުމަތުތަކަށް ޖަވާބުދީ އެ ބަޔާނުގައިވެއެވެ.
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އާއި ހިއްސާކޮށް އާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވަނީ ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށް ފަހު ކަމަށާ އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި ބަޔާނުގައި ވަނީ ހިޔާނާތުގެ މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި ހިޔާނާތުގައި ޝާމިލުވެފައިވާ އެންމެނަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލާފައިވެއެވެ. އަދި ލިސްޓު އާންމު ކުރިއިރު އެ ލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެ މީހުންނަށް އެނގުމެއް ނެތި ހިމަނާފައިވާތީ އެމީހުންގެ ކިބައިން މައާފަށް އެދުމަށް ވެސް ވަނީ ގޮވާލާފައެވެ.