މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

ޕީޕީއެމް ރިފޯމް ކުރަން އަދީބުގެ އެމްޓީޑީން ގޮވާލައިފި

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރިފޯމް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ގޮވާލައިފި އެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފައްދަވާފައިވާ އެމްޓީޑީން މިގޮތަށް ގޮވާލާފައިވަނީ މިއަދު ކުރިއަށް ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިން ޕީޕީއެމްގެ ކެންޑިޑޭޓް ބަލިވެފައިވަނިކޮށް މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެމްޓީޑީ އިން ބުނީ ޕީޕީއެމް އިން ކޮމަންޑޫ ދާއިރާ އިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތުމެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޕީޕީއެމުން ވާދަކުރި ކޮންމެ އިންތިހާބަކުން އެ ޕާޓީ ބަލިވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

"ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާއަތެއް،" ޕީޕީއެމް ރިފޯމް ކުރަން ޖެހޭ ކަމަށް ބުނެ އެމްޓީޑީ އިން ކުރި ޓްވީޓްގައި ވެއެވެ.

މިއަދުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ. މި އިންތިހާބަށް ޖުމްލަ ހަތް ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

އެންމެ ވޯޓް ފޮއްޓަކުން ނޫނީ ހުރިހާ ވޯޓް ފޮއްޓަކުން ކުރި ހޯއްދަވާފައިވަނީ ރާޝިދެވެ.