ރައީސް އަބްދުﷲ ޔާމީން

"މި އަނިޔާ ކުރިމަތިވީ އަދީބުގެ ސަބަބުން"

މިހާރު ލިބެމުންދާ އަނިޔާތައް ކުރިމަތިވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސަބަބުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނުގެ މި މެސެޖް މީޑިއާތަކާއި ހިއްސާ ކުރެއްވީ އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުންނެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓްގައި އޮތް ޝަރީއަތަށްފަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުވުމަށް ލިބުނު ފުރުސަތުގައި ދެކެވުނު ބައެއް ވާހަކަތައް ގާނޫނީ ޓީމުން ވަނީ މީޑިއާތަކާއި ހިއްސާ ކޮށްފައެވެ. އެ ވާހަކަތައް ހިއްސާ ކުރެއްވީ ރައީސް ޔާމީން އެގޮތަށް ބޭނުންފުޅުވާތީ ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނަށް މިހާރު ލިބިވަޑައިގަންނަވާ އަނިޔާތައް ކުރިމަތިވެވަޑައިގެންނެވީ އަދީބުގެ ސަބަބުން އެ މަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަން ކިތަންމެ ކާމިޔާބު ނަމަވެސް އަދި ގައުމަށް ތަރައްގީގެ ރޮނގުން ކިތަންމެ ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް އެތައް ބައްޔަކު ހައްލައިގެން ގިނަ ގޯސްތަކެއް ހައްދަވަން އަދީބު މަސައްކަތް ކުރެއްވި ކަމަށެވެ. އަދި މިއަދު ވެސް އަދީބު އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ދެހާސްތޭރައިގެ ވެރިކަން ހަރާބު ވެގެން ދިޔަައީ ހެއްލިގެން،"

ރައީސް ޔާމީން ލީޑަރުކަން ކުރައްވާ ޕީޕީއެމާއި އެމަނިކުފާނަށް ތާއީދު އޮތް ޕީއެންސީއަށް މިހާރު ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދީބު ކަމަށާ 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ވެސް އަމީން އެވެނިއު ފްލެޓެއްގައި އަދީބު ބެހެއްޓެވީ އެ ދެ ޕާޓީ ހަލާކު ކޮށްލެވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެމަނިކުފާނު ވިދާޅުވީ މިކަން [މިހާރު ލިބެމުންދާ އަނިޔާ] ކުރިމަތިވީ މި އަދީބުގެ ސަބަބުންނޭ. އަދީބުގެ ފަހަތަށް، އަދީބުގެ ހެއްލުންތެރި ކަމަށް ވަރަށް ގިނަ ބަޔަކު ގޮސްގެންނޭ. އަދި މިއަދުވެސް ތިމަންމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމްއަށާއި ޕީއެންސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަގީގަތުގައި އަދީބޭ. އަދީބު، އަމީން އެވެނިއުގައި ބަހައްޓާފައި އެ ހުރީ ސީދާ ޕީޕީއެމް، ޕީއެންސީ ހަލާކު ކޮށްލުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވީ،"

ރައީސް ޔާމީންގެ މެސެޖަކީ ޕީޕީއެމާއި ޕީއެންސީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އަދި މުޅި ދައުލަތް މިއަދު އެކުވެ ނިކުމެ އޮތީ ރައީސް ޔާމީނަށް އަނިޔާ ދިނުމަށް ކަމަށާ އެކި ނަންނަމުގައި ދައުވާތައް ކުރަނީ އެ ބޭނުމުގައި ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އެ ދައުވާތަކަކީ "ފެން ބޮތްކެއް" ފަދަ ދައުވާތަކެއް ކަމަށެވެ. އެއްވެސް އަސާސެއް ނެތް ބަލިކަށި ދައުވާތަކެއް ކަމަށެވެ. އެ ދައުވާތަކުގައި ވަރުހުރިކަން ދައްކާ ބާރު އޮތްކަން ދައްކަން ބޭނުން ކުރަނީ އަދީބު ކަމަށް ވެސް ވިދާޅުވިއެވެ.

މި ދެ މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިފައި ވާތީ އެކަމަށް ވެސް ޖަމީލް ވަނީ ފާޑުވިދާޅުވެފަ އެވެ. ޖަމީލް ވިދާޅުވީ ދައުލަތުން މުދާ ނަގައި ދޭން އެދިފައިވާއިރު އެކަން ކުރަންޖެހޭ އެއްވެސް ހަމަައެއް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި އެކަން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ރައީސް ޔާމީންގެ މުދާ ނަގަން އެދުނީ ބިރު ދައްކަން ކަމަށާ އެމަނިކުފާނުގެ ވަކީލުންނާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނަށް ވެސް އެކި ގޮތްގޮތުން ބިރު ދައްކަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ބިރު ދައްކައިގެން ރައީސް ޔާމީން ފަހަތަށް ނުޖެއްސޭނެ އެވެ. އަދި ވަކީލުންގެ ޓީމުގެ މަސައްކަތްވެސް ހުއްޓާނުލާނެ އެވެ. ދެން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުންނަވާ މިވެރިކަން ބަދަލު ކުރައްވާނެ ކަމަށެވެ.

"ރައީސް ޔާމީން މިނިވަނެއްގެ ގޮތުގައި ނިކުމެވަޑައިގަންނަވާނެ. އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެން،" ޖަމީލް ވިދާޅުވިއެވެ.