ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

"ވެކްސިނަށް ހުއްދަ ދިނީ ޑަބްލިއުއެޗްއޯ މިންގަނޑަށް ފެތޭތީ"

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފޯޑް-އެކްސްޓްރާޒެނެކާ ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދިނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކަކަށް އެ ވެކްސިން ފެތޭތީ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އިންޑިއާ އިން ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިންގެ ޝިޕްމަންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ އެވެ. އެ ވެކްސިން ރާއްޖެ ގެނެސް ގުދަން ކޮށްފައިވާއިރު ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ދީފައެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް-އެކްސްޓްރާޒެނެކާ ވެކްސިން އިންޑިއާއިން އަވައްޓެރި ގިނަ ގައުމުތަކަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އެ ވެކްސިން އިންޑިއާގެ އިތުރުން ނޭޕާލް އާއި ބަންގްލަދޭޝް އަދި މިޔަންމާގައިވެސް ޖަހަން ފަށާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިއަދު ސްރީލަންކާގައި އެ ވެކްސިން ދޭން ފަށާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރޭ ބުނީ ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަަށެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިޔާއަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ. ރާއްޖޭގައި އެ ވެކްސިން ދިނުމުގެ ހުއްދަ ދީފައިވަނީ ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބެލުމަށްފަހު އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑްގެ ލަފަޔާ މަޝްވަރާގެ މަތިން ކަމަށެވެ.

ރާއްޖޭގައި ދޭ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ލިބޭ ވެކްސިނަކަށްވާނެ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފައެވެ. ނަމަަވެސް އަދިވެސް ކޮވިޝީލްޑް ވެކްސިނަށް އެ ޖަމިއްޔާއިން ހުއްދަ ނުދެއެވެ. އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ ވެކްސިނަށް ރާއްޖޭގެ އެމްއެފްޑީއޭ ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދިނީ ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަަށެވެ. އަދި ހުއްދަ ދިނުމުގެ ކުރިން ޑަބްލިއުއެޗްއޯގެ ރީޖަނަލް އޮފީހުގެ ވެކްސިން ސޭފްޓީގެ އެކްސްޕާޓުންނާވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެފްޑީއޭގެ ހުއްދަ އައީ ޑަބްލިއުއެޗްއޯގެ ހުރިހާ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.

ކޮވިޝީލްޑްވެކްސިން ދިނުމުން ކޮށްފައިވާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ.

އެކަމާއި ގުޅޭގޮތުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ވެކްސިން ޖެހުމުން ދިމާވެދާނެ ސިއްހީ ކިތަންމެ ކުޑަ ކަމަކަށް ނަމަވެސް ކަމާބެހޭ އިދާރާތަކުން ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މުޅި ރާއްޖޭގައި ވެކްސިން ޕްރަގްރާމް ހިންގާއިރު ހުރިހާ ރަށެއްގައިވެސް އެކަމަށް ހާއްސަ ޓްރެއިން ލިބިފައި ތިބި މީހުން ތިބޭނެ ކަމަށެވެ. އެ މީހުން ވެކްސިންދޭ ހުރިހާ އެންމެން މޮނިޓާ ކުރަމުން ގެންދާނެ ކަމަށެވެ. ކޮންމެ ވެކްސިނެއްގައިވެސް ކޮންމެވެސް ސައިޑްއިފެކްޓްތަކެއް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެންމެ މީހަކަށް ކަމެއް ދިމާވިޔަސް އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކަމެއް ވަރަށް މުހިންމު ކަމެއް. އެހެންވީމަ އެ ކަންކަމަށް އަޅުގަނޑުމެެން މި ދަނީ ތައްޔާރުވަމުން. އެކަމަށް އެޑެންޓް ކުރާނެ މީހުން އަޅުގަނޑުމެން މިދަނީ ޓްރެއިން ކުރަމުން،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.