ސިއްހަތު

ތައްޔާރީ މަހުން ކެންސަރަށް މަގުފަހިވޭ: ޑަބްލިޔުއެޗްއޯ

ނިއުޔޯކް (ބީބީސީ) - ސޮސެޖާއި ބޭކަން ފަދަ ތައްޔާރީ މަހުގެ ބާވަތްތަކުން ކެންސަރަށް މަގުފަހިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދުވާލަކު ތައްޔާރީ މަހުގެ 50 ގްރާމް ކާ މީހާއަށް ކެންސަރު ޖެހުމުގެ ފުރުސަތު 18 ޕަސެންޓް އިތުރުވެއެވެ.

ގެރިމަސް ފަދަ އެއްގަމު މަހުގެ ރަތް ބާވަތްތަކުން ވެސް ކެންސަރަށް މަގުފަހި ކުރުވާ ކަމަށާއި އެކަމަކު މި ހޯދުމަށް އަދި އެކަށީގެންވާ ވަރުގަދަ ހެއްކެއް ލިބިފައި ނުވާ ކަމަށް މި ރިޕޯޓް ބުނެއެވެ. އަދި އެއްގަމު މަހުގެ ބާވަތްތަކުގައި ފައިދާތައް ވެސް ހިމެނޭކަން ޑަބްލިޔުއެޗްއޯއިން ފާހަގަ ކުރެއެވެ.

އިނގިރޭސިވިލާތުގެ ކެންސަރު ރިސާޗުން ބުނީ ޑަބްލިޔުއެޗްއޯގެ މި ރިޕޯޓަކީ ތައްޔާރީ މަހާއި ރަތް، އެއްގަމު މަސް ބޭނުންކުރުން މަދުކުރަން ޖެހޭ ވަރުގެ ހެކިތައް ހުރި ރިޕޯޓެއް ކަމަށާއި އެކަމަކު މިފަދަ ބާވަތްތައް ކެއުން މުޅިން ހުއްޓާލަން ނުޖެހޭ ކަމަށެވެ. އަދި މަދުމަދުން ބޭކަން ސޭންޑްވިޗެއް ނުވަތަ ސޮސެޖެއް ކާލުމަކުން ނުރައްކަލެއް ނެތް ކަމަށް ވެސް ރިސާޗުން ބުންޏެވެ.

މި ދިރާސާއާއި އެކު ކެންސަރަށް މަގުފަހިވާ ތަކެތީގެ ލިސްޓަށް ތައްޔާރީ މަހުގެ ބާވަތްތައް އިތުރުވެފައި ވާއިރު އަދިވެސް މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ރަލާއި ދުންފަތްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ތައްޔާރީ މަހުގެ ގޮތުގައި ބެލެވޭނީ ގުދުރަތީ މަހުގެ ބާވަތްތަކަށް ބައެއްކަހަލަ ރަހަތަކާއި ލޮނު ފަދަ ބާވަތްތައް އެއްކޮށް މޮޑިފައި ކޮށްފައި ހުންނަ މަހުގެ ބާވަތް ތަކެވެ. މިގޮތަށް އުފައްދާ ބާވަތްތައް ގިނަ ދުވަހު ނުބައި ނުވެ ހުންނާނެ ގޮތް ހެދުމަށް ބައެއް ކަހަލަ ކެމިކަލް ބޭނުން ކުރެއެވެ. މިއީ ކެންސަރަށް މަގުފަހި ކުރުވާ މައިގަނޑު ސަބަބެވެ. ތައްޔާރީ މަހުގެ ބާވަތް ތަކުގެ ތެރޭގައި ބޭކަން އާއި ސޮސެޖުގެ އިތުރުން ސަލާމީ، ކޯންޑް ބީފް، ބީފް ޖާކީ އަދި ހެމް ހިމެނެއެވެ. ދިވެހިންގެ މެދުގައި އެންމެ އާންމު ތައްޔާރީ މަހަކީ ސޮސެޖެވެ.