ދުނިޔެ

ޖުޒާމު ބަލި ނައްތާލި ފުރަތަމަ ގައުމަކަށް އުރުދުން

ލެޕްރަސީ ނުވަތަ ޖުޒާމުބަލި ނައްތާލި ފުރަތަމަ ގައުމަކީ އުރުދުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުރާސްފަތި ދުވަހު އިއުލާނުކޮށް އާންމުކޮށްފި އެވެ.

ސިއްހަތު ޖަމިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވި 20 އަހަރު ތެރޭގައި ޖުޒާމުބަލި ފެތުރުމުގެ އަލާމާތެއް އުރުދުން އިން ފެނިފައެއް ނުވެ އެވެ.

އެ ޖަމިއްޔާއިން މިކަން ކަށަވަރުކޮށްފައިވަނީ ނުފޫޒެއް ނެތް ބޭސްވެރިންގެ ޓީމަކުން ހޯދި ހޯދުންތަކަށް ރިއާޔަތްކުރުމަށްފަހު އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ބުނާ ގޮތުން އުރުދުންއަށް މި ލަނޑުދަނޑި ހާސިލުކުރެވުނީ ދުނިޔޭގެ ސިއްހީ އިދާރާތަކުން ދިން އިރުޝާދާއި ނަސޭހަތް ގަބޫލުކޮށް އަދި އެކަށީގެންވާ ގޮތަށް ފިޔަވަޅު އެޅުމުންނެވެ.

އުރުދުންގެ މި ކާމިޔާބަކީ މިފަދަ ބަލިތައް ފެތުރެމުންދާ ގައުމުތަކަށް މިސާލެއް ކަމަށް ބެލުމަށްވެސް ސިއްހަތު ޖަމިއްޔާއިން އެދެ އެވެ.

ޖުޒާމުބަލި ވަނީ ޒަމާންތައް ފަތަހަކޮށް އެތައް ބަޔަކު ކުނުޅެދުންތެރިކޮށްފަ އެވެ. މި ބަލި ފެތުރެން ފެށި ވަކި ތާރީހެއް ބުނަން ދަތި ނަމަވެސް ސިއްހަތު ޖަމިއްޔާއިން ވެސް ބަރޯސާކުރަނީ އަންދާޒީ ތާރީހަކަށެވެ.

ލެޕްރަސީ ނައްތާލަން ދުނިޔޭގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެކި ގައުމުން އެކިވަރުގެ ކާމިޔާބު ހޯދާފައިވާ ކަމަށް ވެސް ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ ޖުޒާމުބަލި ނެތް އިތުރު ގައުމުތައް އިއުލާންކުރުމުގެ ޝަރަފު ސިއްހަތު ޖަމިއްޔާއަށް ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމއިްޔާއިން ބުނާ ގޮތުން މެދުއިރުމައްޗަށް ފަހު ޖުޒާމުބަލި ދެން އެންމެ އަވަހަށް ނައްތާލެވޭ ގައުމަކަށް އޭޝިއާގެ ގައުމެއްވެސް ވެދާނެ އެވެ.

ޖުޒާމުބަލި ނެތް ގައުމެއް ގޮތުގައި ލިސްޓް ކުރުމަށް އިތުރު ގައުމުތަކުން ހުށަހަޅާވާ ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.