ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު 142 އަށް

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 142 އަށް އަރައިފި އެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ވަރަށް ބޮޑަށް މަދުވެގެން ދިއުމަށް ފަހު އަނެއްކާވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަދުވެސް 118 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ފަސް ދުވަހުވެސް 100 ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ބައެއް ދުވަސް ދުވަހު އެ އަދަދު 145 އަށްވެސް އަރާފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު 15،616 މީހުންގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 1،492 މީހުން ކަމަަށެވެ. އެ މީހުންގެ ތެރެއިން 142 މީހަކަށް ފަަރުވާ ދެނީ ހޮސްޕިޓަލްތަކުގައެވެ. ތިން މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. މިއީ މި ފަހުން އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ފަހަރެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.