ފުވައްމުލައް ސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ދެންމެ ބުނީ ފުވައްމުލަކުގައި ކަރަންޓީންގައި ތިބި ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ. މީގެ ކުރިންވެސް އެ ރަށުން ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަސް މީހަކު ތިބި ނަމަވެސް ފުވައްމުލަކަށް އަރާ ފޭބުން މަނާކޮށްފައިނުވާ ކަަމަށް އެޗްއީއޯސީން ބުންޏެވެ.
އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.