ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮޅުފުށި

ކޮޅުފުއްޓަށް ކެއާ ޕެކް ފޮނުވަނީ

މ. ކޮޅުފުއްޓަށް ކެެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ މުލަކު އަތޮޅު ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ މީހުންގެ މައުލޫމާތު އެއްކޮށް އެ މީހުންނާއި ގުޅައި ހާލުބަލާފައިވާ ކަމަށެވެ. އަދި އެ ފަދަ އާއިލާތަކަށް ކެއާ ޕެކޭޭޖަސް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި އެހީތެރިކަން ބޭނުންވާ 21 އާއިލާއަކަށް ތަކެތި ފޮނުވަން ނިންމާފައިވާ ކަމަށެވެ. މާލެއާ ކޮޅުފުއްޓާއި ދޭތެރޭ ދަތުރުކުރާ ބޯޓަކަށް އެ ތަކެތި މިހާރު ވަނީ ބަރުކޮށްފައެވެ. ކެއާ ޕެކްގައި ނެޕީއާ ރައްކާތެރިކަމުގެ ސާމާނުވެސް ހިމެނެއެވެ.

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޮޅުފުށި އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އެ ރަށް މޮނިޓަރިންއަށް ގެނައީ އެ ރަށުން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވީ 24 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭގެ ދެ ދުވަސް ކުރިންނެވެ. އެ ކޭސްއާ ގުޅިގެން އެ ރަށުން ވަނީ 100 ވުރެ ގިނަ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ލިބިފައިވާއިރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ދޮޅު އަހަރު ކުއްޖަކާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އެ ރަށުން މިހާތަނަށް 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.