ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކޮވިޑާ ދެކޮޅު މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑު: ޒިފްލީން

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑު ކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޮމަންވެލްތު ވިމެންސް އެފެއާޒް މިނިސްޓާސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުން އެކަށައެޅި މެކޭނިޒަމްގައި ހިމެނޭ މުހިއްމު ދެ އިދާރާ ކަމަށްވާ ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމުގައި މި ބަލިމަޑުކަމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ އަންހެން ބޭފުޅުންކަން ސްޓޭޓް މިނިސްޓަރު ޒިފްލީނާ ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސިއްހީ ދާއިރާ ބޮޑު ބުރައެއް އުފުލިއިރު އެ ދާއިރާގައިވެސް ގިނައިން މަސައްކަތް ކުރަމުން ދަނީ އަންހެނުންކަން އެކަމަނާ ވިދާޅުވިއެވެ.

ކޮމަންވެލްތު ވިމެންސް އެފެއާޒް މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި މިންތީގެ ހަމަހަމަކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު މިނިސްޓީރިއަލް ޑައިލޮގްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒިފްލީނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ކޮވިޑް-19ގެ ނޭދެވޭ އަސަރު އަންހެނުންނަށް ބޮޑަށް ކުރި ކަމަށެވެ. އެގޮތުން ލޮކް ޑައުން އާއި އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއަށް އަންހެނުން އިތުރަށް ހުށަހެޅިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ލޮކްޑައުން އަށް ފަހު ރިޕޯޓް ކުރެވުނު ގެވެށި އަނިޔާގެ ކޭސްތަކުގެ އަދަދު އިތުރުކަން ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅިގެން ބަލިމަޑުކަމުގެ ކުރީކޮޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވައި ގެވެށި އަނިޔާގެ އަމަލުތައް ރިޕޯޓް ކުރާނެ ހާއްސަ ހޮޓްލައިނެއް ގާއިމްކޮށް ހޭލުންތެރި ކުރުމަށް މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން "ގެވެށި ގުޅުން" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ލޯންޗް ކުރިކަން ޒިފްލީނާ ފާހަގަ ކުރެއްވިއެވެ.

އަދި ރަސްމީ ވަޒީފާގެ ދާއިރާގައި ނޫޅޭ ގިނަ އަދަދެއްގެ އަންހެނުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ކޮވިޑް-19ގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނުކަން ފާހަގަކުރައްވައި އެފަދަ ފަރާތްތަކަށް އިންކަމް ސަޕޯޓް ހޯދުމަށް ފަސޭހަ ކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދުކުރެވުނު ކަމަށް ވިދާޅުވިއެވެ.