ދުނިޔެ

އެމެރިކާއާ ރަޝިއާ ހަތިޔާރު މަދުކުރަންވި އެއްބަސްވުން މުއްދަތުއިތުރުކުރަނީ

އެމެރިކާއާ ރަޝިއާ 2010 ގައި ސޮއިކުރި "ނިއު ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ" (ނިއު ސްޓާޓް) ގެ މުއްދަތު ހަމަވާން ވަރަށް ކައިރިވެފައި ވަނިކޮށް ދެގައުމުން ވާހަކަދައްކައި މުއްދަތު އިތުރުކުރަން ނިންމައިފި އެވެ. މިއެއްބަސްވުން ކުރިން އޮތީ ފެބްރުއަރީ 5، 2021 އަށް ދުވަސްހަމަވާ ގޮތަށެވެ. އެހެން ނަމަވެސް މިހާރު ވަނީ ފެބްރުއަރީ 5، 2026 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.

ނިއު ސްޓާޓްގެ މުއްދަތު އިތުރުކުރަން އެމެރިކާއާ ރަޝިއާ ސޮއިކުރުމުން މިލިޔުން ވެގެންދާނީ ދެގައުމުގައި ވެސް އަމަލުކުރެވޭ ގާނޫނީ ލިޔުމަކަށެވެ. ރަޝިއާގައި މިހާރު މި އެއްބަސްވުމަށް އަމަލުކުރާނެ ކަމަށް ރައީސްގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ވަނީ ބުނެފަ އެވެ.

ނިއު ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ އަކީ ރަޝިއާ އާއި އެމެރިކާއާ ދެމެދު ވެފައި އޮންނަ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ފާހަގަކޮށްފައި ވަނީ ހަތިޔާރާ ގުޅުން ހުރި މުއާމަލާތްތަކުގެ ވާހަކަތަކެވެ.

ނިއު ސްޓާޓްއަށް އަމަލުކުރާހާ ހިނދަކު ދެގައުމުން ކުރެ ގައުމަކަށް ވަކި ވަރަކަށް ނޫނީ ހަތިޔާރު ނުއުފެއްދޭނެ އެވެ. މިސާލަކަށް ދުރުރާސްޓަ ބެލަސްޓިކް މިސައިލް 700 އަށް ވުރެ އިތުރުނުކުރެވޭނެ އެވެ. ނިއުކްލިއާ ވޯހެޑް އުފެއްދޭ އަދަދާއި ބޮންއަޅާ ބޯޓު އަދި ސަބްމެރީންނުން ފޮނުވާ މިސައިލްތައް ވެސް ވަކި އަދަދަކަށް މިންވަރުކުރެވޭނެ އެވެ.

ޓްރަމްޕް ސަރުކާރުން މިއެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބައިޑަން ސަރުކާރުން ބުނެ އެވެ. ސޮއިކުރުން ލަސްކުރުން ވެފައި ވަނީ ދެގައުމަށް އަދި ދުނިޔެ އަށް ވެސް ބޮޑު ބިރަކަށެވެ. ޓްރަމްޕް ސަރުކާރުން ލަސްކުރި ސަބަބެއް ކަމަށް ވަނި އެއްބަސްވުމުގައި ޗައިނާ ވެސް ހިމެނުމަށެވެ. ބީޖިންއިން ބުނީ އެއްބަސްވުމުގައި ބައިވެރިވާން ބޭނުން ނޫން ކަމަށެވެ.