ކަރަންކާ އިބްރާހިމް ރަޝީދު

ރަޝީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ (ނޢޢވ) އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލައިފި އެވެ.

އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ އިޝާ ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށް ފަހު ބޭއްވި ކަށު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތައް ވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ހ. ކަރަންކާގޭގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

ރަޝީދަކީ ވަރަށް ދިގު މުއްދަތަކަށް ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތް ފައްޓަވާފައި ވަނީ ނޮވެމްބަރު 24، 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވެއެވެ. ރަޝީދު އަވަހާރަވުމާ ގުޅިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ނިންމަވާފައެވެ.