ކަރަންކާ އިބްރާހިމް ރަޝީދު

ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ (ނޢޢވ) އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަ ވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގަ އެވެ.

ރަޝީދަކީ ވަރަށް ދިގު މުއްދަތަކަށް ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތް ފައްޓަވާފައި ވަނީ ނޮވެމްބަރު 24، 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ހިދުމަތްކުރައްވައި، ގައުމީ ހިދުމަތުގައި އެކި މަރުހަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާހިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި ވުޒާރަތުލް މައާރިފުގެ ނައިބު ކަމުގެ މަގާމާއި ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީ ކަމާއި ވަޒީރުލްއައުޒަމްގެ ނައިބު ކަމުގެ މަގާމާއި މިނސްޓަރު އޮފް ހެލްތު ކަމުގެ މަގާމާއި މިނިސްޓަރު އޮފް ހޯމްއެފެއާޒް ކަމުގެ މަގާމާއި ދައުލަތަށް ގިނަދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމު ހިމެނެއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒައީމުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.

ގައުމީ ހިދުމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު މަސައްކަތުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އިބްރާހީމް ރަޝީދެވެ. 1962 ވަނަ އަހަރު ވޯރާ ވިޔަފާރިވެރިންގެ އިގްތިސާދީ އަޅުވެތިކަމުން، ރާއްޖެއަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިބްރާހީމް ނާސިރު ކުރެއްވި ގައުމީ މަސައްކަތް ޕުޅުތަކާއި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތައުލީމުދޭން ފެށުމާއި ގަވަންމަންޓް ހޮސްޕިޓަލް ހުޅުވުމާއި އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި އެއާޕޯޓް ބިނާކުރުމާއި ދަތުރުފަތުރާއި މުވާސަލާތުގެ ރޮނގުތަކުން އެދުވަސްވަރު ގައުމަށް އައި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއްގައި އަމަލީގޮތުން އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވިއެވެ.