އޮބިޗުއަރީ

ކުޅަދާނަ ލަވަކިޔުންތެރިޔާ އަބްދުﷲ ހަސަން އަވަހާރަވެއްޖެ

ރާއްޖޭގައި އުފެދުނު ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވެއްޖެ އެވެ.

އަބްދުﷲ އަވަހާރަވީ 17 އަހަރެއްހާ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އުމުރުފުޅުން 83 އަހަރުގައި އަބްދުﷲ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަބްދުﷲގެ ޖަނާޒާ އޮތީ މިރޭ މަޣުރިބު ނަމާދަށް ފަހު އާސަހަރާގައެވެ.

އަބްދުﷲ ހަސަންގެ އަށުން ވަރަށް ގިނަ ގައުމީ ލަވަތަކާއި މަދަހަތައް ވަނީ ރެކޯޑްކުރެވިފައިވެއެވެ. ރައީސް މައުމޫންގެ ދުވަސްވަރު ގައުމީ އެކި މުނާސަބުތަކަށް ތައްޔާރު ކުރެވުނު ވަރަށް ގިނަ ގައުމީ ލަވަތައް ވިދާޅުވެފައިވަނީ އަބްދުﷲ އެވެ. މީގެ އިތުރުން ވަރަށް ރީތި ލޯބީގެ އެތައް ލަވަތަކެއް އަދި ނަސޭހަތުގެ ލަވަތައްވެސް އޭނާގެ އަޑުން ރެކޯޑް ކުރެވި ރައްކާކުރެވިފައިވެއެވެ.

ދިވެހިންގެ މެދުގައި އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނު އިހުގެ ވަރަށް ގިނަ މަދަހަތަކުގެ އަޑުގެ ވެރިއަކީވެސް އަބްދުﷲ އެވެ.

އަބްދުﷲގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި އޭނާގެ އަނބިކަނބަލުން އައިޝަތު އަނީސް ހައްދަވާފައިވާ "އޯ ވަޒަން" ހިމެނެއެވެ.