ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ހަ މީހަކު އައިސީޔޫގައި، ދެ މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 163 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 163 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން 11 މީހަކު އޮތީ ރާއްޖޭގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ. ދަރުމަވަންތަ 11 ވަނަ ފަންގިފިލާގައި ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސީޔޫގައި ހަ މީހަކު ވެއެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރަށްލާފައެވެ.

އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާއަކީ މާބަނޑު މީހުންނަށް ހާއްސަ ތަނެކެވެ. އެ ތަނުގައި ކޮވިޑް ބަލީގެ ފަސް މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ 147 މީހަކަށެވެ. އެ އެންމެންވެސް ތިބީ ވޯޑްގައެވެ. މީގެ އިތުރުން ގއ. ވިލިގިލީ ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ލ. ގަން ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ފުވައްމުލަކު ފެސިލިޓީގައިވެސް ދެ މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދެއެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. މި މުއްދަތުގައި ހަތަރު މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދުވެސް މީހަކު މަރުވެފައިވެއެވެ. މިދިޔަ ނުވަ މަސްތެރޭ 52 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ.2