އިލެކްޝަންސް ކޮމިޝަން

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޒާހިރުގެ ނަން ހުށަހަޅައިފި

ހުސްވެފައިވާ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރުގެ ނަން ހުށަހަޅައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް "އަވަސް" އަށް ވިދާޅުވީ އޭނާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަނުކުރާނީ މަޖިލީހުން ރުހުން ދިނުމުންނެވެ.

އިލެކްޝަންގައި ކުރިންވެސް މަސައްކަތް ކުރެއްވި ޑރ. ޒާހިރު ދާދި ފަހުން ވަނީ ޕީއެޗްޑީވެސް ހާސިލްކުރައްވައިފައެވެ. އޭނާ ޕީއެޗްޑީ ހާސިލް ކުރެއްވީ ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންއެވެ.

ޕީއެޗްޑީ ހާސިލްކުރެއްވި ފަހުން ޑރ. ޒާހިރު ހުންނެވީ އިލެކްޝަންސްގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެ ކޮމިޝަނުން ވަކިކުރަން ނިންމުމުންނެވެ. އަކްރަމް ފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އިލެކްޝަން ކޮމިޝަން އެކުލެވިގެންވަނީ ފަސް ބޭފުޅުންގެ މައްޗަށެވެ. އަދި ކޮމިޝަންގެ ގަވައިދުގައި ވާގޮތުން މެމްބަރެއްގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭ އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެއެވެ.