ޕޮޒިޓިވްވާ ކޭސްތައް ގިނަވަމުން ދާތީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އަނެއްކާވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
ރޭ އެޗްއީއޯސީ ގައި ދިން ނިއުސް ބްރީފިންގއެއްގައި ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައުންއަކަށް މުޅިއަކުން ނުދާނެ ނަމަވެސް އަނެއްކާވެސް ކުރިން އެޅުނު ފަދައިން ހަރުކަށި ފިޔަވަޅުތަކެއް އެޅިގެން ދާނެ ކަމަށެވެ.
ރާއްޖެއަށް ކޮވިޑްގެ ތިން ވަނަ ރާޅު އަތުވެއްޖެކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއިރު، ތިން ވަނަ ރާޅެއް އަތުވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ކުރިން ވެސް ދީފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް މިހާރަށްވުރެ އިތުރަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަނަ ކަމަށެވެ. ބަލި ފެތުރުން އަނެއްކާވެސް ގިނަވެފައިވާއިރު، ސިއްހީ ދާއިރާއަށް ބުރަބޮޑުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ތަކުރާރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ބަލި ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވަނީ ކާފިއު އިއުލާނު ކޮށްފަ އެވެ. މިހާރުވެސް ގްރޭޓާ މާލޭގައި ރޭގަނޑު 12:00 އިން ފަތިރު 4:00 އަށް ވަނީ ކާފިއު އިއުލާނުކޮށްފަ އެވެ. އެވަގުތުގައި ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. ބޭރަށް ނިކުންނަ މީހުން ޖޫރިމަނާ ވެސް ކުރެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޭސްތައް ގިނަވަމުން އައިސް އިއްޔެ ވަނީ ރާއްޖެއިން ޖުމްލަ 215 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ވެރިރަށް މާލެއިން 159 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު ބަލި ޖެހިފައި 16000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ވަނީ އިއްޔެ ފަށާފަ އެވެ. މިއީ ބަލި ކޮންޓްރޯލް ކުރުމަށް އެޅުނު ހެޔޮ ފާލެއް ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.