ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޭސްތައް އިތުރުވީ ކޮވިޑުގެ އާ ވޭރިއަންޓުގެ ސަބަބުން

Feb 2, 2021
13

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތިން ބައި ކުޅަ އެއް ބައި މީހުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދާ އެ ބަލީގެ އާ ބާވަތް ނުވަތަ ވޭރިއަންޓް ޖެހިފައިވާ މީހުންކަމަށް ލަފާކުރެވޭ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މިހާރު ކުރިއަށްދާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އާ ވޭރިއަންޓުތަކާއެކު ބަލި ފެތުރުން އަވަސްވެގެން ދިޔަ ކަމަށާއި، ރާއްޖޭގައިވެސް ފެންނަމުންދަނީ އެފަދަ ހާލަތެއް ކަމަށެވެ.

މި ފަހުން ދުވާލަކު ބަލި ޖެހޭ މީހުން އަދަދު ސަތޭކައަށް ވުރެ މަތީގައި ހުރުމަށްފަހު، އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފަ އެވެ. މިގޮތުން، އިއްޔެ 215 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މިދިއަ އޯގަސްޓް މަހުގެ ފަހުން، އެއް ދުވަހުގެ އަދަދު ދުއިސައްތަ ހުރަސްކުރި ފުރަތަމަ ފަހަރެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި، ގައިން ގަޔަށް އާ ވޭރިއަންޓް ފެތުރޭ ދުވެލި ހަލުއި ކަމަށް ފެންނައިރު، އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުންނާއި ހާލަތު ގޯސްވާ މީހުންގެ އަދަދު ވެސް އިތުރު ކަމަށެވެ.

އިތުރަށް ވިދާޅުވީ ލޮކްޑައުންއާއެކު އެޅި ފިޔަވަޅުތަކަށް މީހުން ތަބާވާ މިންވަރު 98 ޕަސަންޓްގައި ހުރުމަށްފަހު، ފިޔަވަޅުތައް ލުއިކުރުމާއެކު އެ އަދަދު 50 ޕަސަންޓަށް ދަށްވެފައިވާ ކަމަށެވެ.

މިގޮތުން، ކުރީގައި ހުރި މިންވަރަށް ކޭސްތައް ދަށްކުރެވޭނީ އާއްމުންނާއެކު މުއައްސަސާތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވާންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދެ ހަފްތާއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ.

ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަދަ ކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް، އެ ފިޔަވަޅު އިތުރަށް ހަރުކަށިކޮށް، އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް މަނާކޮށްފަ އެވެ.

އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް އޮތް ދެ ހަފްތާއަށް ކާފިއު އިއުލާނުކުރަން ނިންމައިފަ އެވެ.

ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން އުސޫލަށް ގެނައި ބަދަލުގައި ބުންޏެވެ.

އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.